އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމަށް އާހިދު

އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމަށް ހ.ގުރުވަ އަހުމަދު އާހިދު ރަޝީދު އައްޔަންކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހ.ގުރުވަ އަހުމަދު އާހިދު ރަޝީދު އައްޔަންކުރައްވައިފިއެވެ.

އާހިދު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު ރައަިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައިއެވެ.

އާހިދަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔާ ޔުނިވާސިޓީން ބެޗެލާ އޮފް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން ފުރުއްވާާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަނަންސް މެނޭޖަރުގެ މަގާމެވެ. ހަމައެއާއެކު އޭނާވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ލީގަލް އެޑްވައިޒަރުގެ މަގާމާއި، ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

މީގެ އިތުރުން އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރުގެ މަގާމާއި، މޯލްޑިވްސް ވޮލުންޓިއާސް ކޯޕްސްގެ ސީއީއޯގެ މަގާމު ވެސް އާހިދު ވަނީ ފުރުއްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި، ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާޗް މަހުގެ 21ވަނަ ދުވަހެވެ. އެއާއެކު އެ މަގާމު ހުސްވެ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔަ އިރު ވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރެވި ވަނީ ދިގުލައިގެން ގޮސްފައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީ ވަންޖެހޭ ފަރާތެކެވެ.

comment ކޮމެންޓް