އައިކޮމްއިން ޕީޖީއަށް ހުށަހެޅީ ކުރީ ސަރުކާރުގެ މައްސަލައެއް: ތަރުޖަމާން

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ޞާލިޙް ވިދާޅުވީ މި ސަރުކާރުން ދަނީ ދައުލަތުގެ ފައިސާއާ ގުޅުންހުރި އަދަދުތައް އޮޅުވާލަމުން ކަމަށް -- ފޮޓޯ/ އެމްޑީޕީ

އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވާ މައްސަލައަކީ މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ރައީސް އޮފީހުން ޖަވާބުދާރީ ނުވާތީ ރައީސް އޮފީހާ ދެކޮޅަށް ދައުވާ ކުރަން އެދި އައިކޮމްއިން ޕީޖީއަށް މައްސަަލަ ހުށައެޅުމުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ މިކަމަށް އަމާޒުވަމުންނެވެ.

މިކަމަށް ރައްދު ދެއްވާ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އާރްޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ނުދީގެން، ޖިނާއީ ދައުވާ ކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމުގައެވެ.

އަދި އެއީ މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މަޢުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށަހަޅާ އޭރު މަޢުލޫމާތު ނުދީ އޮތް މައްސަލައެއް ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ޕީޖީއިން މިއަދު ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅައިފައެވެ.

މި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނާ އަހުމަދު އާހިދު ރަޝީދު "ސަން"އަށް އިއްޔެ ވިދާޅުވީ، ޕީޖީ އޮފީހަށް ފޮނުވާފައިވާނީ ރައީސް އޮފީހުން އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ ކުރުމަށް އެދި ކަމަށެވެ.

އޭނާ ވިދާޅުވީ، ދައުވާ ކުރަން އެދިފައިވާނީ ކޮވިޑް ވެކްސިން ތަކަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެދުމުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުދިނުމުން ކަމަށެވެ.

އާހިދު ވިދާޅުވީ، މީގެ އިތުރުން ވެސް މައުލޫމާތު ނުދިނުމުން ބައެއް މައްސަލަތައް ޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި، ސީދާ އަދަދު ދަންނަވާލަން ދަތި ކަމަށާއި ނަމަވެސް މައުލޫމާތު ނުދީގެން ޖައްސަން ޖެހޭ މައްސަލަތަކެއް އަދިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަތަކާ ގުޅިގެން އައިކޮމްގެ ފަރާތުން އެކި ފަހަރުމަތިން މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް