ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކެންސަރާއި ނާރުގެ މައްސަލަތަކުގެ ފަރުވާއަށް އާސަންދައިން 100 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދުކޮށްފައިވާ ކަމަށް އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނު ވިދާޅުވެއްޖެއެވެ.
ހާރޫނު ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކާބޯތަކެތި ރައްކާތެރިކުރުމުގެ ބިލު ހުށަހަޅުއްވާފައިއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް ފައްޓަވަމުން ހާރޫނު ވަނީ އާސަންދައިން ކެންސަރާއި ނާރުގެ ބަލިތަކަށް ހަރަދުކޮށްފައިވާ މިންވަރު ފާހަގަކުރައްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ކެންސަރު ބަލީގެ ފަރުވާއަށް އާސަންދައިން 1029 މީހަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު އެ އަދަދު 1417 އަށް އިތުރުވި ކަމަށެވެ.
އޭގެ އިތުރުން ނާރުގެ ބަލިތަކާ ގުޅިގެން 475 މީހަކު 2018 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވިއިރު، ޖެހިގެން އައި އަހަރު އެ އަދަދު 744 އަށް އިތުރުވި ކަމަށް ހާރޫން ވިދާޅުވިއެވެ.
މި އަދަދުތައް ފާހަަގަކޮށް ހާރޫނު ވިދާޅުވީ މިފަދަ ބަލިތަކަށް ފަރުވާ ހޯދައިދިނުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި މި ދެ އަހަރު އެކަނި ވެސް 100 މިލިއަން ރުފިޔާ މި ދެ ބައްޔަށް ފަރުވާ ދިނުމަށް ހޭދަކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލިތަކާ ދޭތެރޭގަ ވިސްނަން އެބަ ޖެހޭ، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގަ އަޅުގަނޑުމެންނަށް ކުރެވޭ ކަންތައްތަކުގެ ސަބަބުންނޭ މި ބަލިތައް މި ޖެހެނީ، ޖުމްލަ ގޮތެއްގަ ހުރިހާ ޑޮކްޓަރުން ވެސް ފާހަގަކުރައްވާ ގޮތުގަ މީ ކާބޯތަކެއްޗާ ގުޅުން ހުރި ކަންކަން،" ހާރޫނު ވިދާޅުވިއެވެ.
ހާރޫނު ހުށަހެޅުއްވި ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ބިލުގެ ދަށުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި 19 ގަވައިދެއް އެކުލަވާލާ، ގެޒެޓުކުރުމަށް ވަނީ ހިމަނާފައެވެ.
އޭގެ ތެރޭގައި ކާބޯތަކެތި އުފެއްދުމުގައި ގެންގުޅެން ޖެހޭ ރައްކާތެރިކަމާއި، އުފައްދާ ގޮތުގައި ރައްކާތެރިކަމާއި، ކާބޯތަކެތި އުފައްދައިގެން ބޭނުންކުރާ މީހާ އާ ހަމައަށް ދިއުމުގައި އަމަލުކުރަން ޖެހޭ ގައިޑްލައިންތަކާއި، ކާބޯތަކެތި މާކެޓުގައި ވިއްކުމުގައި ހުންނަން ޖެހޭ މިންގަނޑުތައް ހިމަނާފައިވެއެވެ. އަދި މި ގައިޑްލައިންތަކަށް އަމަލުނުކުރާ މީހުންނަށް އެޅޭނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މި ބިލުގެ ހަ ވަނަ މާއްދާގައި ވަނީ ބިލުގައިވާ ކަންކަން ތަންފީޒު ކުރުން ކައުންސިލްތަކުގެ މައްޗަށް ލާޒިމްކޮށްފައެވެ.