ރާއްޖޭގައި ކުރެވޭ ވިޔަފަރިތަކުން ލިބޭ ފައިސާގެ ބޮޑު ބައެއް ރާއްޖޭގެ މާލީ ނިޒާމް ނުވަތަ ރާއްޖޭގެ ބޭންކްތަކަށް ވަންނަމުން ނުދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ގާރާރު ހުށަހެޅުއްވީ، މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން އެވެ.
އެ ގަރާރުގެ ހުށަހެޅުމުގެ މަގްސަދެއް ކަމުގައި މެމްބަރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުރާ ވިޔަފާރިތަކުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ރާއްޖޭގެ މާލީ ނިޒާމަށް ވަންނަމުން ނުދާތީ އެކަން އަވަސް ހައްލެއް ގެނައުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވައިލުން ކަމަށެވެ.
ގަރާރުގައި ބުނެފައިވަނީ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔެ އިގްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި، ރާއްޖެ ފަދަ ކުޑަ ގައުމަކަށް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އެފަދަ ދަނޑިވަޅެއްގައި ރާއްޖޭގައި ކުރާ އެކި އެކި ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑު ބައެއް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ބޭންކްތަކަށް ނުވަންނަ ކަމަށް ގަރާރުގައި ބުނެ އެވެ.
އެގޮތުން ރާއްޖޭން ބޭރުގެ ބޭންކުތަކުގެ ޕީއޯއެސް ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދާ ކަމަށާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ހަދާ ބުކިންތަކުގެ ފައިސާވެސް ރާއްޖޭން ބޭރުގެ ބޭންކުތަކަށް ޖަމާކުރަމުންދާ ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާވެސް ދައުލަތައް ގެއްލިގެންދާކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
މީރާގެ ރިކޯޑުތަކުން ދައްކާގޮތުން 2019 ވަނަ އަހަރު ރާއްޖޭގައި 4.1 ބިލިއަން ޑޮލަރުގެ ވިޔަފާރި ނުވަތަ ހިދުމަތްތައް ދީފައިވާ އިރު، އޭގެ ތެރެއިން ރާއްޖެއަށް އެތެރެވީ އަދި ބޭރުވީ ކިހާ އަދަދެއްގެ ފައިސާކަން އެނގެން ނެތް ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.
ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ފައިސާ ދައުރު ނުވާ މައްސަލައަށް ހައްލު ހޯދުމަށް ކުރިވިދާނެ ބައެއް ކަންކަންވެސް ގަރާރުގައި ހިމަނާފައިވެ އެވެ.
އެގޮތުން ރާއްޖޭގެ ސަރައްހަދުގައި ހިންގާ އެންމެހާ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އާއި އެ ވިޔަފާރިތަކުން އުފެދޭ އެހެނިހެން އާންމުދަނީ އަކީ ރާއްޖޭގެ މާލީ ނިޒާމަށް ވަންނަ ފައިސާކަން ކަށަވަރުކުރުމަށްޓަކައި މަރުކަޒީ ބޭންކް، އެމްއެމްއޭއިން ރަޖިސްޓްރީކޮށްގެން ހިންގާ ބޭންކަކުން ދޫކުރާ ޕީއޯއެސް ނޫނީ ރާއްޖޭގައި ބޭނުން ކުރުން ހުއްޓުވުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.
އޭގެ އިތުރުން، ރާއްޖޭގައި ދޭ ހިދުމަތެއްގެ އަގު އޮންލައިންކޮށް ދެއްކި ނަމަވެސް، އެ ފައިސާއަކީ ސީދާ ރާއްޖޭގެ ބޭންކަކަށް ޖަމާވާ ނުވަތަ ރެމިޓްވާ އެއްޗެއްކަން ޔަގީންކުރުމަށްވެސް ގަރާރުގައި ގޮވާލައިފައިވެ އެވެ.
މުޅި މައްސަލައަށް ހައްލު ހޯދުމަށް ކަމާ ގުޅުންހުރި އުސޫލުތައް ކަމާގުޅޭ މުއައްސަސާތަކާއި އިދާރާތަކުން މުރާޖައާ ކުރުމަށްވެސް މެމްބަރު ހާރޫންގެ ގަރާރުގައި ގޮވާލައްވާފައިވެ އެވެ. އަދި މިހާރު ހުރި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާއި އިތުރު ގާނޫނެއް ހަދަން ޖެހޭ ނަމަ، އެ ގާނޫނުތައް ހެދުމުގެ މުހިންމުކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.