ނައިފަރުގެ ޓީމުން ގައުމީ ޒުވާން ސްކޮޑް ހިފަހައްޓައިފި

ގައުމީ ޒުވާން ޓީމާއި ނައިފަރު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

ގައުމީ 23 އަހަރުން ދަށުގެ ޓީމުން އަތޮޅުރޭގައި ކުރަމުންދާ ކޭމްޕްގެ ތެރެއިން މިއަދު ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުގައި ޅ.ނައިފަރު ޓީމުން އެ ޓީމުގެ ސްކޮޑު ހިފަހައްޓައިފިއެވެ.

ނައިފަރުގައި ޔޫތު މިނިސްޓްރީން މިފަހުން ތަރައްގީ ކުރި ފީފާ ސްޓޭންޑާޑް ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ތޭވީސް އަހަރުން ދަށުގެ ޓީމުން އަށް ވަރަކަށް ދުވަހުގެ މުއްދަތަށް ޅ އަތޮޅުގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގައި ތިން އަތޮޅުން ފަސް ޓީމަކާ ކުޅޭނެ އެވެ. އެއީ ޅ. އަތޮޅުން ނައިފަރާއި ހިންނަވަރު، ނ އަތޮޅުން ކުޑަަފަރީ އާއި ހޮޅުދޫ އަދި ރ އަތޮޅުން މީދޫ ޓީމާ ދެކޮޅަށެެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ގައުމީ ޒުވާން ޓީމުން ޖެހި ގޯލު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާން) އެވެ.

ގައުމީ 23 އަހަރުން ދަށުގެ ޓީމުން އަތޮޅުތަކުގެ ޓީމުތަކާ ކުޅޭ މެޗުތަކުން ރަނގަޅު ފެންވަރުގެ ކުޅުން ދައްކާ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ވަނީ ބުނެފަ އެވެ.

"މާލެއިން އެކަނި ޓީމެއް ސިލެކްޓު ކުރުމެއް ނޫން ބޭނުމަކީ. މުޅި ރާއްޖެއިން ތާ ޓީމު ނަގަން ޖެހޭނީ. އެހެންވީމާ އަތޮޅު ތެރޭގެ ޓީމުތަކުން ރަނގަޅު ފެންވަރުގެ ކުޅުން ދައްކާ ކުޅުންތެރިންނަށް އަހަރެން ފުރުސަތު ދޭނަން،" ސޮބާ ބުންޏެވެ.

ޅ އަތޮޅަށް ކުރާ މި ކޭމްޕްގައި މާދަމާ ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކޭމްޕްގައި ގައުމީ ޓީމު ބައްދަލު ކުރާނީ ނ. ހޮޅުދޫ ޓީމާ ދެކޮޅަށެވެ.

އޭއެފްސީ އޭޝިއަން ކަޕު 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ ބަހްރެއިން، އިރާގު އަދި އަފްޣާނިސްތާނާ ދެކޮޅަށެވެ.

comment ކޮމެންޓް