ތަހުގީގަށް ބަޔާން ނަގަން އަންނާކަށް ނުޖެހޭ: ނަޝީދު

އޭޕްރީލް 11، 2021: ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް އެމަނިކުފާނުގެ ބަޔާން ނެގުމަށް ފުލުހުންގެ ވަފުދެއް އިނގިރޭސިވިލާތަށް ދާން ޖެހޭ ސަބަބެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެއި ހައެއް ހަމަލާގެ ދައުވާއަކީ އެމަނިކުފާނުގެ މައްޗަށް އުފުލޭ ދައުވާއެއް ނޫންކަމަށެވެ.

އެ މައްސަލައިގައި ފުލުހުން އިނގިރޭސިވިލާތުގެ އިދާރާތަކާ މަޝްވަރާކުރުމަކީ މާ ބޭނުންތެރިކަމެއްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ބަޔާން ނެގުމަށް ފުލުހުންގެ ތަހުގީގު ޓީމުގެ ވަފުދެއް ފޮނުވަން ވަނީ ނިންމައިފައެވެ.

އެހެން ނަމަވެސް އެމަނިކުފާނުގެ ބަޔާން ނެގުމަށް ފުލުހުން ޔޫކޭއަށް ދާ ވަކި ތާރީހެއް އެނގިފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން އެއްޗެއް ނުބުނެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ބެހޭ ގޮތުން އެމަނިކުފާނު ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދުގެ ވަކީލުން އިއްޔެ ވަނީ ވިދާޅުވެފައެވެެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ބަޔާނެއް ނުލިބޭކަމަށާއި ރައީސް ނަޝީދުގެ ފަރާތުން ބަޔާނެއް ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ. މި ހަތަރު މީހުންގެ ޝަރީއަތް މިދިޔަ މަސްތެރޭގައި ވަނީ ފަށާފައެވެ.

comment ކޮމެންޓް