ރޮނާލްޑޯގެ އެނބުރި އައުން ހާއްސަ ކުރީ ފާގަސަންއަށް

ޔުނައިޓެޑުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން އާއި ރޮނާލްޑޯ ---

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް މީގެ 12 އަހަރު ކުރިން ކުޅުނު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަނބުރާ އެކުލަބަށް ދިއުން ހާއްސަ ކުރަނީ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަންއަށް ކަމަށް އޭނާ ބުނެފިއެވެ.

މިއަދުގެ ނިޔަލަށް ހަމަވާ ޓްރާންސްފާ މާކެޓުގައި މިފަހަރު ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުލަބު ބަދަލުކޮށްފައިވާ އިރު، ރޮނާލްޑޯގެ ޓްރާންސްފާއަކީ ގިނަބަޔަކަށް ހައިރާންކަން ގެނުވި ބަދަލެކެވެ. ޔުވެންޓަސްއާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިތާ ދެ ދުވަސްތެރޭ އޭނަގެ ކުރީގެ ކުލަބު ޔުނައިޓެޑަށް ދިއުމަށް އެއްބަސްވެ، މިއަދުގެ ވަގުތެއްގައި ވަނީ ސޮއިކޮށްފައެވެ.

ރޮނާލްޑޯ،36، ޔުނައިޓެޑާ އެކު މިއަދު ސޮއި ކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމަކަށެވެ. އަދި އޭނާ ބޭނުން ނަމަ އިތުރު އަހަރެއް ކުޅެން އެ އެއްބަސްވުމުގައި ޝަރުތުކޮށްފައި އޮތް އިރު، ރޮނާލްޑޯ އެ ކުލަބަށް ސޮއި ކުރީ 15 މިލިއަން ޔޫރޯގެ ކުޑަ އަގަކަށެވެ.

ޔުނައިޓެޑާ އެކު ސޮއި ކުރުމަށްފަހު ރޮނާލްޑޯ މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ ޔުނައިޓެޑަކީ އަބަދުވެސް އޭނާގެ ހިތުގައި ފުން ގަދަރެއް ދެވިފައިވާ ކުލަބެއް ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިޔެެއްގެ ގޮތުގައްޔާއި، އިދިކޮޅު ޓީމުގައި ހުރެގެން ވެސް މިދިޔަ އަހަރުތަކުގައި މެންޗެސްޓާގައި ކުޅުނު އިރު ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓަކީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަހަރެން މިހުރީ އެނބުރި އައިސް. މިއީ އަހަރެން ނިސްބަތްވާ ތަނަކީ. އަލުން އަނބުރާ ތާރީހު އިއާދަ ކުރަން މި ނުކުންނަނީ. މި މުހިއްމު ނިންމުން ހާއްސަ ކުރާނީ ސާ އެލެކްސްއަށް،" ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ ބުނީ އަލުން ޔުނައިޓެޑާ ގުޅުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި އަލުން އެ ޓީމުގެ ޖޯޒީގައި ކުޅެން ކެތްމަދުވެފައި ހުރި ކަމަށެވެ.

"އަހަރެން މި ކުލަބުގައި ހޯދި ކާމިޔާބީތަކަކީ ރަނުން ލިޔެވިފައި ހުރި ކާމިޔާބީތައް. އުންމީދަކީ އަލުން އެ ޖޯޝާއި ކާމިޔާބީ ތަކުރާރުކުރުން,"

މިވަގުތު ގައުމީ ޓީމާ އެކު ޕޯޗުގަލްގައި ހުރި ރޮނާލްޑޯ އަލުން ޔުނައިޓެޑްގެ ޖޯޒީގައި ފެންނާނެ ފުރަތަމަ މެޗަކަށް ވުމުގެ ފުރުސަތު ބޮޑީ އަންނަ މަހުގެ 11 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ކުޅޭ މެޗުގައެވެ.

comment ކޮމެންޓް