ޖަލެކޭ ކޯލް ސެންޓަރެކޭ ތަފާތެއް ނެތް: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މިދިޔަ ސަރުކާރުން ޖަލުތަކުގެ ހާލަތު ބެލެހެއްޓުމުގައި އިހުމާލުވެފައިވާ މިންވަރާ އެކު މިއަދު ޖަލެކޭ ކޯލް ސެންޓަރެކޭ އެއްވެސް ތަފާތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ އަށްވަނަ ޖަލްސާގައި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ މިއަދުވެސް ޖަލުތަކުގައި 800 އަށްވުރެ ގިނަ ސިމް ގެންގުޅެމުން އަންނަކަމަށެވެ.

ހަމައެއާއެކު އަބަދުވެސް ކުށްކުރާ ފަރާތަށް ފިޔަވަޅު ނޭޅޭ ކަމަށާއި ފިޔަވަޅެއްގެ ގޮތުގައި އަތުލައިގަނެވެނީ ކުށްކުރަން ބޭނުންކުރާ ތަކެތި އެކަނި ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"އަބަދުވެސް އަތުލައިގަންނަނީ ފޯނުތައް، މިހާރު ޖަލުން ހިފޭނީ ފޯނުތައް އެކަމު ޖަލަށް ފޯނު ވައްދަން އުޅުނު މީހަކު އަތުލައިނުގަނެވޭ. ޑްރަގް ވެސް އަތުލައިގެނެވެނީ ޑްރަގްތައް، ގެންނަން އުޅުނު މީހުންގެ ވާހަކައެއް ނީންނާނެ،" ބޮންޑޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުށެއް ކުރީމާ "އަތުލައިގަންނަން" ޖެހޭނީ އެ ކުށެއް ކުރި މީހާކަމަށެވެ.

އަދި މިއަދު މަޖިލީހަށް އެ ބިލު ހުށަހަޅާފައިވާއިރު ރާއްޖޭގައި ކަންކަން ހިނގާ ގޮތަށް ރިއާޔަތްކޮށް، ގޯސްކޮށް ހިނގާ ކަންކަން ތަކުރާރު ނުވާނެހެން އެ ބިލު ފާސްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލަކީ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި ބިލެކެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް މަޖިލީހުގައި ފަށާފައިވަނީ އިއްޔެއެވެ.

އެގޮތުން އެ ބިލު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ އިގްތިސާދީ އަދި އިޖުތިމާއީ ކަންކަން ފަސޭހަކޮށް ތަރައްގީ ކުރުން ކަމަށެވެ.

comment ކޮމެންޓް