ދިވެހި ސަރުކާރުގެ ގެޒެޓް ޑައުންވެއްޖެ

އޮގަސްޓް 30، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ސަރުކާރުގެ ގެޒެޓް މިއަދުގެ ވަގުތެއްގައި ޑައުންވެއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ގެޒެޓް ޑައުންވެފައި ވާއިރު، އަދިވެސް ގެޒެޓަށް ނުވަދެވެއެވެ.

ގިނަ ބަޔަކު އެެއްފަހަރާ ގެޒެޓަށް ވަންނަން އުޅުން ފަދަ ކަމަގާ ގުޅިގެންނެ ގެޒެޓް ޑައުންވުމަކީ ބައެއް ފަހަރު ދިމާވާ ކަމެކެވެ. ނަމަވެސް އާއްމުކޮށް އެމައްސަލަ ދިމާ ވަނީ ކުޑަ އިރުކޮޅަކަށެވެ.

މިއަދު ގެޒެޓް ޑައުންވެފައި ހުންނަތާ މިހާރު ގާތްގަނޑަކަށް ދެ ގަޑިއިރު ވެއްޖެއެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ގެޒެޓް ޑައުންވާން ދިމާވި ސަބަބެއް ބައްލަވާލައްވާނެ ކަމަށެވެ.

ގެޒެޓްގައި ސަރުކާރުގެ އިދާރާތަކުގެ އެންގުންތަކާއި އާއްމުކުރަން ބޭނުންވާ ލިޔުންތައް ހުރެއެވެ. އަދި ނީލަމާއި ބީލަމުގެ މައުލޫމާތުގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކުގެ ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތުވެސް ގެޒެޓްގައި ހުރެއެވެ.

އެހެންކަމުން ސަރުކާރުގެ އެންގުންތަކާއި އާއްމުކުރާ އިއުލާނުތައް އެނގެން ބޭނުންވާ މީހުންނާއި ކުންފުނިތަކަށް ގެޒެޓް ޑައުންވުމުގެ ސަބަބުން މިވަގުތު ދަދިތަކާ ކުރިމަތިވުން އެކަށީގެންވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް