ޒުވާނާގެ ހާލު އަންނަނީ ރަނގަޅުވަމުން، އެކަކު ހައްޔަރު ކޮށްފި

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ޒަަހަމްކޮށްލި ޒުވާނާ -- ފޮޓޯ/ އާއިލާ

މިދިޔަ ބުދަ ދުވަހުގެ ހެނދުނު މާލޭގައިި ކަރަށް ވަޅި ޖަހައި ޒަޚަމްކޮށްލި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގައި އާއިލާއިން ބުނެފިއެވެ.

"ސަން"އާ ވާހަކަ ދައްކަމުން އެ ޒުވާނާގެ ބޭބެ ބުނީ މިހާރު އެ ޒުވާނާ ހޭ އަރައިފައިވާ ކަމަށާއި މިހާރު ވާހަކަ ވެސް ދައްކާލެވޭ ކަމަށެވެ. ނަމަވެސް އަޑުފޮށި ފަޅައިގެން ގޮސްފައި ހުރުމުން އަޑުގައި ވަރަށް ބޮޑު ތަފާތުކަމެއް ހުންނަ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

"އަޑުފޮށި ފަޅައިގެން ގޮސްފަ ހުރީމަ އަޑު ފާޑަކަށް ޑަބަލް ވެގެން އަންނަނީ. މިހާރު ވެސް އައިސީޔޫގައި އޮތީ." އޭނާ ކިޔައިދިނެވެ.

މި ހާދިސާއާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި 18 އަހަރުގެ ޒުވާނަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ޒުވާނާގެ ކަރުގެ ވާއަތް ފަރާތަށް ވަޅި ޖެހީ ބުދަ ދުވަހު ހެނދުނު އޭނާގެ ލޯބިވެރިޔާއާއެކު އޭޓީއެމްއަށް ދަނިކޮށްނެވެ. އެ ހާދިސާ ހިނގީ ސޯސަންމަގު ކޮޅުގައި، ކުރީގެ އިސްލާމިކް ބޭންކު ކައިރީގައި އެމީހުން މަޑުކޮށްލައިގެން ތިއްބާއެވެ. އޭނާގެ ކަރަށް ވަޅި ޖަހައިފައި ފިލައިގެން ދިޔައީ ތިން މީހުންގެ ގުރޫޕަކުންނެވެ.

ވަޅި ޖެހުމުން އެ ޒުވާނާ ހޮސްޕިޓަލަށް ވެސް ދިޔައީ އެކަނި ސައިކަލުގައި ދުއްވާފައެވެ. ނަމަވެސް އޭޑީކޭއާ ހިސާބަށް ދިޔައިރު އޭނާގެ ޚަބަރު ހުސްވެއްޖެއެވެ. އެ ޒުވާނާއަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

މީގެ ކުރިން "ސަން"އާ ވާހަކަ ދައްކަމުން އާއިލާއިން ބުނި ގޮތުގައި އޭނާއަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އެގޮތުން އޭނާގެ ނޭވާލާ ހޮޅި ވެސް ބުރިވެފައިވާ ކަމަށާއި ކަރުގެ ވާއަތް ފަޅިން ހުރި ނާރުތައް ވެސް ބުރިވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ކިޔައިދިނެވެ.

comment ކޮމެންޓް