އީސީގެ މެންބަރުކަމަށް އާސިފްއަށް މަޖިލީހުން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުންދިން ހ.އިރުވައި، މުހައްމަދު އާސިފް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަންކުރުމަށް ހ.އިރުވައި، މުހައްމަދު އާސިފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާސިފަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. އެގޮތުން މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގަތް 50 މެންބަރުން ވެސް ވަނީ އޭނާއަށް ރުހުން ދިނުމަށް ވޯޓު ދެއްވައިފައެވެެ.

އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އަހްމަދު ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

އޭގެ އިތުރުން އީސީގެ މެމްބަރު ކަަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެ ކަމަށް މަގާމުގެ ޝަރުތުތަކުގައި ހިމަނާފައިވެއެވެ.

comment ކޮމެންޓް