އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އާހިދުއަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިން އަލްއުސްތާޒު އަހުމަދު އާހިދު ރަޝީދު -- ފޮޓޯ/ ޕީއެސްއެމް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހ. ގުރުވަ، އަލްއުސްތާޒު އަހުމަދު އާހިދު ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިއަދުގެ ޖަލްސާގައި އާހިދުއަށް ރުހުން އޮތް ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. އެގޮތުން ވޯޓުގައި ބައިވެރިވި 49 މެންބަރުންވެސް ވޯޓު ދެއްވީ އާހިދު މަގާމަށް އައްޔަން ކުރުމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މިދިޔަ މާޗް މަހުގެ 21ގައި އިސްތިއުފާ ދެއްވުމުންނެވެ.

އޭގެ ފަހުން އެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު ނަމެއް މަޖިލީހަށް ފޮނުއްވިއެވެ.

އޭގެ ތެރޭގައި އާހިދުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޒް ޝިހާމް މުހައްމަދާއި ދަފްތަރު، އަޒްލީމާ އަހްމަދު، އާއި ގ. ދާސްތާނު، މަރިޔަމް އަލީމްގެ ނަން ހިމެނެއެވެ.

މީގެ ކުރިންވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރޭގައި އާހިދު، ޝިހާމް މުހައްމަދު އަދި މަރިޔަމް އަލީމް ހިމެނެއެވެ.

އެ ފަހަރު އެ ތިން ބޭފުޅުންގެ ނަންވެސް ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވިއެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ނުދިނެވެ.

comment ކޮމެންޓް