މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލައިިފި، ދެ ކައުންސިލްގެ ބޮޑު ކޯޅުމެއް

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއާ ގުޅޭ މައްސަލަތަކެއް ފެންމަތިވެ ދެ ކައުންސިލުން ދެބަސްވެފައި ވަނިކޮށް ދަތުރު ނުކުރެވޭ ވަރަށް ކޯޒްވޭ ކަނޑައިލައިފިއެވެ.

ކޯޒްވޭ ކަނޑައިލައިފައިވަނީ ހޯޑެއްދޫ އާއި ހާދޫއާ ދެމެދުގައި އޮންނަ ބައިންނެވެ. އެތަނުން ބޮޑުތަނެއް ވަނީ ކަނޑައިލައިފައެވެ.

މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން "ސަން"އަށް ވިދާޅުވީ ކޯޒްވޭ ކަނޑައިލައިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި ކޯޒްވޭ ކަނޑައިލައިފައި އޮތްކަން އެނގުނީ މިއަދު ހެނދުނުކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި ފުލުހުން މައްސަލަ ބަލަމުން އަންނަ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ ކޯޒްވޭ ކަނޑާލުމުން ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަދި ބޮޑަށް ގެއްލުން ލިބޭނީ ހޯޑެއްދޫ ރައްޔިތުންނަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ކޯޒްވޭ ކަނޑާލުމުން ލިބޭ ގެއްލުމުގެ ވާހަކަ ރަނގަޅީ ނުދެއްކިއްޔާ،" ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ ހޯޑެއްދޫ ކައުންސިލުން މިދިޔަ ހަފްތާގައި ގަރާރެއް ނެރި ވަމުންދާ ގެއްލުން ބޮޑުވާ ކަމަށާއި ކޯޒްވޭ ކަނޑާލާނެ ކަމަށް ބުނެ ސަރުކާރަށް "އިންޒާރެއް" ދީފައިވާ ކަމަށެވެ. އަދި އެ ގަރާރު ކުށްވެރިކޮށް މަޑަވެލީ ކައުންސިލުން ބަޔާނެއް ނެރުނު ކަމުގައި ވެސް ފިޔާޒް ފާހަގަ ކުރެއްވިއެވެ.

"ދިޔަވަރު ބޮޑުވާއިރު މި ބަލަނީ ކޯޒްވޭ އެއްކޮށް ނެތިގެންދާނެ ކަމަށް ހޯޑެއްދޫ ކޮޅުން" ފިޔާޒް ވިދާޅުވިއެވެ.

ހޯޑެއްދޫ ކައުންސިލުގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ ކޯޒްވޭ ކަނޑައިލަން މަސައްކަތް ކުރުމަކީ އެ ރަށު ކައުންސިލުން ވެސް ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

"މަޑަވެލި ކައުންސިލުން އެބައޮތް ހޯޑެއްދޫ ކައުންސިލުން އިސްވެ ކުރި ކަމެއް ކަމަށް ނޫސްތަކުގައި ބުނެފަ. އެކަން އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ވާރިޝް ވިދާޅުވިއެވެ.

މީގެ އިތުރުން ވާރިޝް ވިދާޅުވީ ހޯޑެއްދޫ ކައުންސިލުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މި ދެ ރަށުގެ ދޭތެރޭގައި ކޯޒްްވޭއެއް އެޅީ 2016 ވަނަ އަހަރުގައެވެ. އެ ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ޚަރަދު ކުރިއެވެ. އެ ދެ ރަށް ގުޅުވައިލައިފައިވަނީ އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅު ރަށެއް ހިމަނައިގެންނެވެ. މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު ހުންނައިރު ފުޅާމިނުގައި ހުންނަނީ ހަތް މީޓަރެވެ.

މީގެ ކުރިން ވެސް ހޯޑެއްދޫގެ ރައްޔިތުން ވަނީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނުކުމެ ކޯޒްވޭ ކަނޑާލައިފައެވެ. އެ ފަހަރު ކޯޒްވޭ ކަނޑާލީ ކޯޒްވޭގެ މަތިން ލޮނުގަނޑު ރަށުތެރެއަށް އަރައި ރަށް އަޑިއަށް ދާތީ ކަމަށް އެ ރަށު ރައްޔިތުން ބުންޏެވެ.

comment ކޮމެންޓް