ކުރިއަށް އޮތް ދެވަނަ ދައުރުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއްގެ ގޮތުން، ހައުސިން ފަންޑެއް ގާއިމްކޮށް، ގެދޮރު ބިނާކުރަން ލުއިލޯނު ދީ، ކުލި ކޮންޓްރޯލްކުރުމަށް ޚާއްސަ ސިޔާސަތުތައް އެކުލަވާލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.
ގދ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ހޯނޑެއްްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ސަރުކާރުގެ ދެވަނަ ދައުރުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިޔާސަތު ރޭ އާންމުކުރެވިފައިވާ ކަމަށެވެ.
އޭގެ ތެެރެއިން އެންމެ މުހިންމު އެއްް ކަމަކީ ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަމާޒަކީ ކޮންމެ ރައްޔިތަކަށް ވެސް އަމާން، ގަދަރުވެރި ދިރިއުޅުމެއް އުޅުންކަމަށް ރައީސް ވިދާޅުވިއެެވެ.
"ގާނޫނެއްގެ ދަށުން ހައުސިން ފަންޑެއް ގާއިމްކޮށް ހައުސިން ސެކްޓަރަށް ލުއިލޯނު ދޫކުރެވޭ ގޮތް އަޅުގަނޑުމެން ހަދައިދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ކަމަށް ޚާއްސަ ބޭންކެއް ހަދައި ލޯނު ދޫކުރާނީ ހަ ޕަސެންޓަށްވުރެ ކުޑަ އިންޓަރެސްޓް ރޭޓުގައި ކަމަށެވެ.
އަދި ފުރަތަމަ ފަހަރަށް އެ ލޯނު ނަގާނަމަ ލޯނު ދޫކުރާނީ 10 ޕަސެންޓަށްވުރެ އިކުއިޓީ ބޮޑު ނުވާނެހެންކަމަށް ރައީސް ވިދާޅުވިއެވެ.
"ރިއަލް އެސްޓޭޓް މާކެޓް އަޅުގަނޑުމެން ރެގިއުލޭޓްކުރާނަން. މިއަދު އެނގިވަޑައިގަންނަވާނެ މާލެއާއި ރަށްރަށުގައި އަގުތައް ބޮޑުވެގެން ދާވަރު. އެހެންވީމާ މީގައި ހަމަޖެހޭ ގާނޫނީ އުސޫލެއްގެ ތެރެއިން ރައްޔިތުންނަށް ފްލެޓާއި ހައުސިން ޔުނިޓު ލިބޭނެ ގޮތް އަޅުގަނޑުމެން ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
މިި ރަށުން އަބަދުވެސް އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ލިބޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ފަދައިން ކަން ވުމުގެ އަސްލަކީ ރައްޔިތުންގެ ވިސްނުމާއި އެމްޑީޕީގެ ވިސްނުމާ ދިމާވުން ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީ ސަރުކާރުން ވަމުން އަންނަ ވައުދުތައް ފުއްދޭ މަންޒަރު ރައްޔިތުންނަށް ފެންނަމުން އަންނާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018ވަނަ އަހަރު ރާއްޖޭގެ ތަރައްގީއަށްވީ ވައުދުތައް ފުއްދަމުން އައީ ބޮޑެތި ދަތިތަކެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ކޮވިޑުގެ ބަލިމަޑުކަމާއި ޔޫކްރެއިން ރަޝިއާ ހަނގުުރާމައިގެ ސަބަބުން ތެޔޮ އަގު ބޮޑުވުން ފަދަ އެތައް ގޮންޖެހުމެއް ވެރިކަމުގެ ތެރޭގައި ކުރިމަތިވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ފަދަ ހާލަތްތަކުގައި ރައްޔިތުން ކުރިމަތިލާން ޖެހޭ ބުރަ ކުޑަކޮށްދިނުމުގެ ގޮތުން އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ހަމައެކަނި މި ރަށުގެ ރައްޔިތުންނަށް ވެސް 15 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.