އެޓްލެޓިކޯ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި

ވިލަރެއާލް ކީޕަރު ކާރިން ނައްޓާލުމަށް އެޓްލެޓިކޯގެ ކޮރޭއާ

ލަލީގާގެ އެއްވަނަ މަގާމަށް އަރަން ލިބުނު ފުރުސަތު އެޓްލެޓިކޯ މެޑްރިޑުން ނަގާލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ވިލަރެއާލް އާ ބައްދަލުކުރި މެޗުން ތިން ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނަ މަގާމަށް އެރުމުގެ ފުރުސަތު އެޓްލެޓިކޯއަށް އޮތެވެ.

ނަމަވެސް އެޓްލެޓިކޯ ޕޮއިންޓަކާއެކު ފަރު ޖައްސާލެވުނީ މެޗުގެ ފަހު މިނިޓުގައި ވިލަރެއާލްގެ އައިސާން މަންޑީ ބައިކޮޅަށް ޖެހި ލަނޑާއެކުއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވިލަރެއާލްއިންނެވެ. މިލަނޑު އެޓީމަށް 52 ވަނަ މިނިޓުގައި ޖަހައިދިނީ މަނޫ ޓްރިގުއޭރޯސްއެވެ.

ވިލަރެއާލްއިން ލީޑު ނެގިތާ ހަތަރު މިނިޓު ފަހުން އެޓްލެޓިކޯއިން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އެންހަލް ކޮރޭއާ ދިން ބޯޅައަކުން އެޓްލެޓިކޯގެ ލަނޑު ޖެހީ ލުއިސް ސުވަރޭޒްއެވެ.

74 ވަނަ މިނިޓުގައި ވިލަރެއާލްއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މިގޯލް އެޓީމަށް ޖަހައިދިނީ އާނޯޓް ޑަންޖުމާއެވެ.

ވިލަރެއާލްއިން ތިން ޕޮއިންޓު ހޯދުމާ ގާތްވެފައި ވަނިކޮށް މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި އެޓްލެޓިކޯއިން ނަތީޖާ 2-2 އަށް ބަދަލުކޮށްލިއެވެ.

އެޓްލެޓިކޯގެ މިޑްފީލްޑަރު ސައުލް ވިލަރެއާލް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި އައިސާން މަންޑީ ވަނީ ބައިކޮޅަށް ބޯޅަ ވައްދާލާފައެވެ.

comment ކޮމެންޓް