ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ކުރީ އުންސުރު ހަމަނުވާ ހުކުމެއް: ޝިޔާމް

ޖުލައި 13، 2021: ޕީޕީއެމް ޕީއެންސީގެ ފަރާތުން ނޫސްވެރިނާއި ބައްދަލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ އުންސުރު ހަމަނުވާ ހުކުމެއްކަން ވަަރަށް ރަނގަޅަށް ހާމަވަގެން ހިނގައްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް ޕީއެންސީއިން ކުރިއަށް ގެންދާ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގު ހުކުމެއްް ކޮށްފައިވާކަމުގެ ވާހަކައަކީ ޕީޕީއެމުން މީގެ ކުރިންވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ.

"ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އެބަ އޮތް މިއަދުގެ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވާ ގޮތަށް އުންސުރު ހަމަނުވާ ހުކުމެއް ކުރިމިނަލް ކޯޓުން ކޮށްފައޮތްކަން ބުނެވެން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކޯޓުގައި ހުކުމް ކުރި ބެންޗުގައި ތިބި ފަނޑިޔާރުންނަށް ހުކުމުގައި އޮތް އެއްވެސް އެއްޗެއް ނޭނގޭކަމަށެވެ. އަދި އެ ހުކުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބާރު ފޯރުވާފައިވާކަމުގެ ތުހުމަތުވެސް އޭނާ ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން ޝިޔާމް ވަނީ ރައީސް ޔާމީނަށް ގާނޫނު އަސާސީން ލިބިދޭ އެތައް ހައްގެއް މި ސަރުކާރުން ނިގުޅައިގެންފައިވާކަމުގެ ތުހުމަތުކޮށްފައެވެ.

"އަޅުގަނޑަކަށް ނޭނގެ މިއަދު ދިވެހި ރައްޔިތުން އިންސާފު ހޯދަން ދާންޖެހޭ ތަނެއް. އެހެން މިދެންނެވީ މިއަދު ހުރިހާ ފަނޑިޔާރުން އެބަ ކުށްވެރިވޭ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަދު ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށްވެސް ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު އަދުލު އިންސާފުގެ ނިޒާމަށް ގެއްލިފައިވާކަމަށެވެ.

ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ގާޒީ ހުސައިން ފާއިޒު ރަޝާދު އެ ހުކުމަށް ތާއިދުކޮށްފައިވަނީ "ރަހީނުކޮށްގެން"ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމާއެކު ޕީޕީއެމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި ރައީސް ޔާމީނަށް ކޮށްފައިވަނީ ނުހައްގު ހުކުމެއްކަން އިތުރަށް ޔަގީންވެފައިވާކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް