މެސީގެ ސަޕޯޓަރުންގެ އިންތިޒާރަށް މިރޭ ނިމުން އަންނާނެބާ؟

ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ އެކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ ---

ބާސެލޯނާގައި 21 އަހަރު ހޭދަކުރުމަށްފަހު ފްރާންސްގެ ޕީއެސްޖީއަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވި ލިއޮނެލް މެސީ އެކުލަބަށް ބަދަލުވިތާ ތިން ހަފުތާ ފަހުން ފުރަތަމަ ފަހަރަށް މިރޭ މެޗެއްގައި ކުޅޭނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވިގެންވާ ޕީއެސްޖީ މިފަހަރުގެ ޓްރާންސްފާގައި މުޅި ދުނިޔެ ހައިރާންކޮށް، މެސީއާ އެކު ރެއާލް މެޑްރިޑްގެ ކެޕްޓަނަކަށް ހުރި ސާޖިއޯ ރާމޯސް އާއި ޔޫރޯ 2020 ގެ މޮޅު ކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާގެ އިތުރުން ނެދަލޭންޑްސްގެ ކެޕްޓަން ގިނީ ވައިނަލްޑަމް އަދި އިންޓައަށް ކުޅެމުން ދިޔަ އަޝްރަފް ހަކީމީގެ ސޮއި ވަނީ ހޯދައިފައެވެ.

އޭގެ ތެރެއިން އަޝްރަފް ހަކީމީ އަދި ވައިނަލްޑަމް މިހާތަނަށް ޕީއެސްޖީގެ މެޗުތަކުގައި ކުޅެފައިވާ އިރު ބާކީ ކުޅުންތެރިން އަދި ރަސްމީކޮށް ޓީމުގެ ސްކޮޑުގައި ހިމަނާފައެއްނުވެއެވެ.

އެހެން ނަމަވެސް ލީގުގައި މިރޭ ރަށުން ބޭރުގައި ރެއިމްސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ރިޕޯޓްތައް ބުނެފައިވާ އިރު، އެންމެ ފަހުން ޕީއެސްޖީގެ ކޯޗު މޯރީސިއޯ ޕޮޗެޓީނޯ ދިން އިންޓަވިއުގައި ވެސް އެކަމުގެ ފެހި ސިގްނަލް ވަނީ ދީފައެވެ.

"މި ހަފުތާ މިދިޔައީ މެސީއަށް ވަރަށް ރަނގަޅަށް. ކުރިއަށް އޮތް ހަފުތާގައި ވާދަވެރި މެޗުތަކެއް އެބަހުރި. އުންމީދަކީ މެސީ އޭގެން މެޗަކުން ފެނުން،" މިދިޔަ ހަފުތާގައި ޕޮޗެޓީނޯ ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، އެ ޓީމުގައި މެސީ ބޭނުންކުރާނީ ބާސެލޯނާ އާއި އާޖެންޓީނާގައި އޭނާ ކުރިން ބޭނުންކުރި 19 ނަމްބަރު ޖޯޒީއެވެ. މީގެ ކުރިން ބްރެޒިލްގެ މީޑިއާގައި ރިޕޯޓްކުރި ގޮތުގައި ނޭމާ ވަނީ މެސީ ބޭނުންނަމަ ޕީއެސްޖީގެ 10 ނަމްބަރު ޖޯޒީ ދޭން ހުށަހަޅައިފައެވެ. އެކަމަކު، މެސީ އެ ގޮތް ބޭނުމެއްނުވިއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ ލިއޮނަލް މެސީގެ ސޮއި ހޯދިކަން ޕީއެސްޖީން ރަސްމީކޮށް އިއުލާނު ކުރީ މިދިޔަ މަހުގެ ދިހަ ވަނަ ދުވަހުއެވެ. އެކާވީސް އަހަރަށް ފަހު ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، ބޯނަހެއްގެ ގޮތުގައި އޭނާ އަށް 25 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) ލިބޭނެއެވެ.

comment ކޮމެންޓް