ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގދ. ހޯޑެއްދުއާއި މަޑަވެއްޔާ ދެމެދު އެޅި ކޯޒްވޭއަކީ މިއަދު އެ ދެ ރަށުގެ ރައްޔިތުންނަށް ވެސް ވަރަށް މުހިންމު ތަނަކަށް ވަނީ ވެފައެވެ. ދިރިއުޅުމުގެ ގިނަ ކަންތައްތަކެއްގައި އަދި އިގްތިސޯދީ މަސައްކަތްކަށް ވެސް ބޭނުން ކުރާ ތަނަކަށް އެ ކޯޒްވޭ މިހާރު ވަނީ ވެފައެވެ.
މި ދެ ރަށުގެ ދޭތެރޭގައި ކޯޒްްވޭއެއް އެޅީ 2016 ވަނަ އަހަރުގައެވެ. އެ ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. އެ ދެ ރަށް ގުޅުވައިލައިފައިވަނީ އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅު ރަށެއް ހިމަނައިގެންނެވެ. މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު ހުންނައިރު ފުޅާމިނުގައި ހުންނަނީ ހަތް މީޓަރެވެ.
މި ކޯޒްވޭގެ ސަބަބުން މި ދެރަށުގެ ވެސް ތިމާވެއްޓަށް ގެއްލުންވާ ވާހަކައަކީ އިއްޔެއަކު މިއަދަކު ދެކެވޭ ވާހަކައެއް ނޫނެވެ. އެއީ ވަރަށް ގިނައިން އެ ދެ ރަށުގެ ރައްޔިތުން މީގެ ކުރިން ވެސް ދައްކައިފައިވާ ވާހަކައެކެވެ. އަނެއްކާވެސް ދުވަސްގަނޑަކަށް ފަހު އެ ވާހަކަތަކުގެ އަޑު މިވަނީ ގަދަވެފައެވެ.
ކޯޒްްވޭގެ ސަބަބުން ހޯޑެއްދުއަށް ވަމުންދާ ގެއްލުމުގެ ސަބަބުން އެ ކޯޒްވޭ ނަގަން އެ ރަށު ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި މިހާރު ވަނީ އެދިފައެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން ހޯޑެއްދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝިހާމް ވިދާޅުވީ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ރަށުތެރެއަށް ލޮނު އެރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ރައްޔިތުންގެ އެ ކަންބޮޑުވުމާއެކު އެ ރަށު ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި ކޯޒްވޭ ނަގަން މިހާރު އެދިފައިވާކަން އޭނާ ކަށަވަރު ކޮށްދެއެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ބިމަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ރަށުގެ ހަ ހެކްޓަރު ބިން މިހާރު އެއްކޮށް ހަލާކުވެ "ޗަކަ ބިމަކަށް" ބަދަލުވެފައިވާ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
"މި ބުނާ ބިމާ އިންވެގެން މި އޮންނަނީ މީހުން އަލަށް އާބާދުވާ ސަރަހައްދު. މިހާރު ފްލެޓް އަޅާފައި ހުރި ސަރަހައްދު އެއީ. އެ ސަރަހައްދުގެ ފެން ފަށަލައަށް މިހާރު އެ އޮތީ ވަރަށް ބޮޑަށް އަސަރު ކޮށްފަ،" ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން އިތުރަށް ފާހަގަ ކުރެއްވީ ހޯޑެއްދޫއަށް ކޯޒްްވޭގެ ސަބަބުން ވަމުންދާ ގެއްލުންތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވައިލައި މީގެ ކުރިން މަޖިލީހަށް ވެސް ހުށަހަޅައިފައިވާނެ ކަމަށެވެ.
މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން މިދިޔަ އަހަރު ތައްޔާރު ކުރި މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އީޕީއޭގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިންނެއް ނޫނެވެ. އަދި ކޯޒްްވޭގެ ސަބަބުން ލިބޭ ގެއްލުންތަކާހެދި އެ ދެ ރަށުގެ ރައްޔިތުންނަށް ވެސް ބިރުވެރިކަމަކާ ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
އެ ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި މި ދެ ރަށުގެ ދޭތެރޭގައި އަޅައިފައިވާ ކޯޒްވޭގެ މަޝްރޫއުގައި ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ވަނީ ބޮޑެތި އިހުމާލުތަކެއް ވެފައެވެ. އަދި އެ ކޯޒްްވޭގެ ސަބަބުން ދެ ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްވެ ކޯޒްްވޭ ވެސް ބޭނުން ނުކުރެވޭތީ އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ އަތުން ބަދަލު ހޯދުމަށް ވެސް ފާއިތުވެދިޔަ އަހަރު މަޖިލީހުން ފާސްކުރިއެވެ.
ކޯޒްވޭ އެގޮތަށް ބާއްވާނަމަ ހީނުކުރާފަދަ ގެއްލުންތަކެއް ވެދާނެ
ކޯޒްވޭގެ ސަބަބުން ވާ ގެއްލުންތަކުގެ ސަބަބުން ހޯޑެއްދޫގެ 20 އިންސައްތަ ބިން މިހާރު ވަނީ ޗަކަވެފައެވެ. ކޯޒްވޭއާ ދިމާލުން ރާޅު އަރުވާ ސަރަހައްދުގައި ހުރި ރުއްގަސްތައް ވެސް ވަނީ ވީރާނާވެފައެވެ. އަދި މުޅި އެ ސަރަހައްދު ސުންނާފަތިވެފައިވާއިރު ގިނަ ދުވަސްތަކަކަށް މިގޮތަށް އޮންނަން ވެއްޖެނަމަ އެތަނާ އިންވެގެން އޮންނަ ދަނޑުތަކަށް އަސަރު ކޮށްފާނެ ކަމުގެ ބިރު ބޮޑެވެ.
ހޯޑެއްދުއަކީ ދަނޑުވެރި ރަށަކަށް ވާއިރު މިހާރު ގިރައި، ވީރާނާވާ ސަރަހައްދާ ޖެހިގެން ދެން އޮތީ ދަނޑުވެރިކަން ކުރާ ސަރަހައްދެވެ. އެ ސަރަހައްދުގައި 200އަށްވުރެ ގިނަ ދަނޑު އޮންނައިރު އެ ސަރަހައްދަށް ލޮނުގެ އަސަރުކޮށް ދަނޑުތަކަށް ގެއްލުންވާން ފަށައިފިނަމަ ހޯޑެއްދޫގެ އިގްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.
ދަނޑުތަކުގެ ވާހަކަ ފާހަގަ ކުރައްވަމުން ފިރުޝާން ވިދާޅުވީ އެ ހާލަތަށް ކަންތައްތައް ގޮސްފިނަމަ އެތައް ބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓޭނެ ކަމަށާއި ކައުންސިލުގެ ވެސް އެންމެ ބޮޑު ބިރަކީ އެއީ ކަމަށެވެ.
މިހާރު ޗަކަވަމުންދާ ސަރަހައްދާ ނުހަނު ގާތުގައި އޮތް، މީހުން އަލަށް އާބާދުވެ ފްލެޓް އަޅާ ސަރަހައްދުގައި މިހާރު ވަނީ ފެންފަށަލައަށް އަަސަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެތަނުގެ ފެނުގެ ކުލައަށް ވެސް މިހާރު ވަނީ އަސަރު ކޮށްފައެވެ. އެގޮތުން ފެނުގައި "ރަތްކުލައެއް" ހުންނަކަމުގައި އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. ފްލެޓް ސަރަހައްދުގެ ފެންފަށަލައަށް އަސަރު ކޮށްފައިވާއިރު އެތަނާ ދަނޑުތަކާ ދެމެދު ހުންނާނީ 200އެއްހާ ފޫޓެވެ.
ފިރުޝާން އިތުރަށް ފާހަގަ ކުރެއްވީ ކޯޒްވޭގެ ސަބަބުން ގެއްލުން ވަނީ ހޯޑެއްދުއަށް އެކަނި ނޫން ކަމަށެވެ. ކޯޒްވޭގެ ސަބަބުން މަޑަވެއްޔަށް ވެސް ގެއްލުންތަކެއް ވަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.
"ކޯޒްވޭގެ މެދަކާ ހިސާބުން މަޑަވެލި ސައިޑްގެ އެ އޮންނަ ފަޅުރަށާ ދޭތެރޭ އެ މަގުގެ އެއްފަޅި އެއްކޮށް ގިރާ ހުސްވަނީ ހަމަ،" ފިރުޝާން ވިދާޅުވިއެވެ.
ކޯޒްްވޭ މަރާމާތު ނުކުރާނަމަ އެ ދޭތެރެ މާ ގިނަ ދުވަހަކު އެހެން އޮންނާނެހެން ހީނުވާ ކަމަށާއި މިހާރު ވެސް އެ ދޭތެރެއިން ކިރިޔާ ކާރަކަށް ދެވެނީ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
އައު ކޯޒްވޭއެއް ހެދުމަށް އޮތީ ބަޖެޓު ކޮށްފައި!
މި ދެ ރަށުގެ ދެމެދުގައި އަޅައިފައިވާ ކޯޒްވޭއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކޮށްދެއްވައި އައު ކޯޒްވޭއެއް އަޅައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ފިރުޝާން ވިދާޅުވީ އައު ކޯޒްވޭއެއް އެޅުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި މިހާރު އެތަނުގެ ޑިޒައިން ވެސް ވަނީ ނިމިފައި ކަމަށެވެ.
"އެ ޕްރޮޖެކްޓް ނުފެށެންޏާ މިހާރު އޮތް ކޯޒްވޭ ނަގައިދޭށޭ ކައުންސިލުން މިނިސްޓްރީގައި އެދިފައި އޮތީ، ޕޮލިސީ ލެވެލްގައި އެއްވެސް ގޮތަކަށް ކޯޒްވޭ ނަގަން ނިންމާފައެއް ނުވޭ،" ފިރުޝާން ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓް ފެށުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ދާކަން ފާހަގަ ކުރައްވަމުން ފިރުޝާން ވިދާޅުވީ އެމްޓީސީސީއާ އެކަމުގެ މަޝްވަރާތަކެއް ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އައުކޯޒްވޭ އެއް އެޅުމުން މައްސަލަތައް ތަކުރާރުވާނެބާ؟
ދެ ރަށުގެ ދެމެދުގައި މިހާރު އަޅައިފައި އޮތް ކޯޒްވޭގެ ސަބަބުން ވެސް ބޮޑެތި ގެއްލުންތަކެއް ދެ ރަށަށް ވެސް އަންނަނީ ލިބެމުންނެވެ. އަނެއްކާ ވެސް އެ ކޯޒްވޭ އުވައިލައި އައު ކޯޒްވޭއެއް އެޅުމުން އެ ގެއްލުންތައް ތަކުރާރު ނުވާނެތޯ އެއީ އުފެދޭ ސުވާލެކެވެ.
"ސަން"އާ ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެ ކޯޒްވޭ އަޅައިފައިވަނީ އަޑިން އޮޔެ ދެމޭގޮތަކަށް ނޫން ކަމަށެވެ. އަދި އެގޮތަށް އަޑިން އޮޔެ ނުދެމޭނަމަ އެ ހިސާބުގައި ލޮނުގަނޑު ބޮޑުވެ ރަށްގިރުމާއި ރާޅު އެރުން ފަދަ ކަންތައްތައް ދިމާވާނެ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
"ރާޅުތައް އައިސް އެއްރާޅުފުލު އަނެއް ރާޅު އައިސް ގިނަވީމަ އޭތި އަޑިން ދެވޭނެ ގޮތެއް ނެތްކަމުގައިވަނީނަމަ ކޮންމެވެސް ތާކަށް އަރައިގެން ދާނެތާ. އެކަހަލަ ގޮތެއް އެވަނީ އަސްލު،" ނައީމް ވިދާޅުވިއެވެ.
މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން ވިދާޅުވީ މިހާރު އަޅައިފައި އޮތް ކޯޒްވޭއަކީ "ވެލި ބެޑެއް" ކަމަށާއި އެއީ އީޕީއޭގެ ލަފަޔާ މުޅިން ޚިލާފަށް އަޅައިފައިވާ ކޯޒްވޭއެއް ކަމަށެވެ. އަދި ކޯޒްވޭ ހަދައިފައިވަނީ ދަށުން އޮޔެ ދެމޭ ގޮތަށް ނޫން ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"މިފަހަރު ޑިޒައިންގައި އޮތީ ތަނބުޖަހާ ހިއްލާފަ އޮޔެ ދެމޭ ގޮތަށް އަޅަން. އެގޮތަށް އަޅައިފިއްޔާ އެއްވެސް މައްސަލައެއް ނާންނާނެ އަސްލު،" ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން ވިދާޅުވީ އެ ކޯޒްވޭ އަޅަނީ 11 ފޫޓަށް މައްޗަށް ހިއްލައިފައި ކަމަށާއި އައު ކޯޒްވޭއާއެކު ހުރިހާ މައްސަލައެއް ހައްލުވާނެ ކަމަށެވެ.
ހޯޑެއްދުއާއި މަޑަވެއްޔާ ދެމެދު ކޯޒްްވޭއެއް އޮތުމަކީ މިހާރު އެ ދެ ރަށުގެ ރައްޔިތުންނަށް ކޮންމެހެން ވެސް ބޭނުން ކަމެކެވެ. ސަބަބަކީ އެއް ރަށުގެ މީހުން އަނެއް ރަށަށް އެކި ބޭނުންތަކަށް ގޮސް އުޅޭތީއެވެ. އެހެންކަމުން ކޯޒްވޭއަކީ އެ ދެރަށުގެ ރައްޔިތުންގެ ވެސް ދިރިއުޅުމުގެ ވަރަށް ބޮޑު ބަޔަކަށް މިހާރުވަނީ ވެފައެވެ.
ކޯޒްވޭއެއް އޮތުމަށް ރައްޔިތުން ކިތަންމެ ބޭނުންވެފައި ތިބި ނަމަވެސް ރަށުގެ ބިމުގެ ބޮޑުބައެއް ގިރައިގެން ގޮސް ގުދުރަތީ ރީތިކަން ގެއްލުމަކީ ވެސް ރައްޔިތުން ބޭނުންވާނެ ކަމެއް ނޫނެވެ. ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދަށާއި ދަނޑުތަކަށް އަސަރުކޮށް ކާންބޯން ކުރާ މަސައްކަތް ހުއްޓޭކަށް ވެސް ރައްޔިތުން ބޭނުމެއް ނުވާނެއެވެ.
މީގެ ކުރިން ވެސް ހޯޑެއްދޫގެ ރައްޔިތުން ވަނީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނުކުމެ ކޯޒްވޭ ކަނޑާލައިފައެވެ. އެ ފަހަރު ކޯޒްވޭ ކަނޑާލީ ކޯޒްވޭގެ މަތިން ލޮނުގަނޑު ރަށުތެރެއަށް އަރައި ރަށް އަޑިއަށް ދާތީ ކަމަށް އެ ރަށު ރައްޔިތުން ބުންޏެވެ.
އޭގެ ފަހުން ދެ އަހަރު ފާއިތުވެފައިވާއިރު މިހާރު އެ ރަށުގެ 20 އިންސައްތަ އެ އޮތީ ވީރާނާ ވެފައެވެ. ޗަކަ ބިމަކަށް ރަށުގެ ބޮޑުބައެއް ބަދަލުވެފައިވާއިރު މަންޒަރުބަލަން ރައްޔިތުން ތިބޭނެތޯ އެއީ ސުވާލެކެވެ. މާޒީ ތަކުރާރުވެ ރައްޔިތުން ނުކުމެ ކޯޒްވޭ ކަނޑައިލުމުގެ ކުރިން މިކަމަށް ހައްލެއް ލިބުމަކީ އެ ދެރަށުގެ ރައްޔިތުންގެ ވެސް އުއްމީދެވެ.