ލަންކާގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފި

ސްރި ލަންކާގައި ކޮވިޑް ޓެސްޓު ކުރަނީ --- ފޮޓޯ/ ގޫގަލް

ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފިއެވެ.

ސްރީލަންކާގައި ކޮވިޑްގެ ކޭސްތައް ގިނަވެގެން އެ ގައުމު 10 ދުވަހަށް ލޮކްޑައުން ކުރީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެގައުމުގެ ސަރުކާރުން މިއަދު ވަނީ އެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުގެ ފަތިހު ހަތަރަކާއި ހަމަޔަށް އިތުރުކޮށްފައެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ނިންމާފައިވަނީ މިއަދު އެގައުމުގެ ސަރުކާރުން ބޭއްވި ކޮވިޑް ކޮމެޓީ މީޓިންއެއްގައިކަމަށް ސްރީލަންކާ ރައީސްގެ ތަރުޖަމާނު ކިންގްސްލޭ ރަތަޔަނަކޭ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާއިން މިދިޔަ ހަޕްތާތަކުގައި ތެރޭގައި ކޮންމެ ދުވަހަކުހެން 4،000 އަށްވުރެ ގިނަ މީހުން ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އަދި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް ހުރީ ވަރަށް މަތީގައެވެ.

ސްރީލަންކާގެ ލޮކްޑައުންގެ މުއްދަތު އިތުރު މިކުރީ ލޮކްޑައުންގެ މުއްދަތު އިތުރުކުރަން، ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުން އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިންވެސް ގޮވާލާފައި ވަނިކޮށެވެ. ލަންކާގައިވެސް މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓެވެ.

ކޮވިޑް ޖެހިގެން މިއަދު ލަންކާއިން ދިވެއްސަކު ވަނީ މަރުވެސް ވެފައެވެ. ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ގައުމެކެވެ.

comment ކޮމެންޓް