މިފަހަރުވެސް ޔޫކޭގެ ގްރީން ލިސްޓުގައި ރާއްޖެ ލައްވައެއް ނުލި

ހީތުރޯ އެއާޕޯޓުގަ --

އެހެން ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރެވޭ ގޮތަށް ލުއި ދިނުމަށް އެ ގައުމުން މިފަހަރު ހެދި ރިވިއުގައިވެސް ރާއްޖެ ރެޑް ލިސްޓުން ނުނަގާ ގޮތަށް އެ ގައުމުން ނިންމައިފިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ، ޔޫކޭގެ ރެޑް ލިސްޓްގައި ރާއްޖެ ހިމެނުނީ މިދިޔަ މެއި މަހުގެ ކުރީކޮޅެވެ. މީގެ ކުރިން ޔޫކޭއިން ހެދި ރިވިއުގައި ރާއްޖެއަށް ލުއި ނުލިބުނީ އެ ގައުމުގެ ކޮވިިޑް ގައިޑްލައިންތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުންކަމަށް ރާއްޖޭގެ ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

ނަމަވެސް އިއްޔެ ޔޫކޭއިން އާންމުކުރި ޓްރެވެލް ލިސްޓުގައިވެސް ރާއްޖެ ހިމަނާފައެއް ނުވެއެވެ. އެހެންކަމުން ރާއްޖެއިން ޔޫކޭއަށް ދަތުރުކުރާނަމަ، އަމިއްލަ ހަރަދުގައި 10 ދުވަސް ވަންދެން ކަރަންޓީނުވާން ޖެހޭނެއެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށްގޮސް، ވެކްސިން ޖަހަމުންދާ ރޭޓް އިތުރުވެފައިވާއިރުވެސް، ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނުނަގާތީ ކަންބޮޑުވާ ކަމަށެެވެ.

އަދި އެ ގައުމެއްގައި އުޅޭ ކޮވިޑް ވޭރިއަންޓު ދެނެގަތުމަށް ހަދާ ޖިނޯމިކް ސީކުއެންސިން ޓެސްޓުވެސް ރާއްޖެއިން މިހާރު ގަވާއިދުން ހަދަމުންދާކަން ފާހަގަކުރައްވައި، ޑރ. ފަރަހަނާޒް ވަނީ އެ ކަންތައް ލަސްވުމަކީ މިފަހަރުވެސް ރާއްޖެ ރެޑް ލިސްޓްވި ސަބަބަކަށް ވެދާނެތޯ ސުވާލު އުފައްދަވާފައެވެ. ޔޫކޭގެ އިތުރުން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުންވެސް ރާއްޖެ ވަނީ އުނިކޮށްފައެވެ.

comment ކޮމެންޓް