735 ކެންޑިޑޭޓުންނާއެކު އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހު

އޮގަސްޓް 26، 2021: އެމްޑީޕީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތްސަތޭކަ ތިރީސް ފަސް ކެންޑިޑޭޓުންނާއެކު ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހު 25ގައި ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގޮތުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މި އިންތިހާބު ބޭއްވުމުގެ ގޮތުން އެ ޕާޓީގެ ނުވަ މެމްބަރުން ހިމެނޭހެން ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ އެންމެހާ ފަރާތްތަކަށް ލިބޭނެ ކަމަށެވެ. އަދި މިހާރު ވޯޓާސް ލިސްޓު ފައިނަލްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލަކީ އެމްޑީޕީގެ ވޯޓާސް ލިސްޓަށް ވޯޓުލުން،" ހަސަން ލަތީފް ވިދާޅުވިއެވެ.

އަންނަ މަހު އޮންނަ އެ ޕާޓީގެ އިންތިޚާބުގައި 300 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި 900 އަށްވުރެ ގިނަ މީހުން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު މިހާރު އޮފިޝަލުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އަދި ޕާޓީގެ އިންތިހާބު ލަސްވި ނަމަވެސް މިހާރު އެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ ތައްޔާރީތަކެއް ވަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފައިވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެންނެވެ.

comment ކޮމެންޓް