ދިވެހީން ތިބީ ރާއްޖޭގެ ޕެރަލިމްޕިކް އެތުލީޓުންނާއެކު: ޝާހިދު

ޕެރަލިމްޕިކް އެތްލީޓުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޖަޕާނުގައި ތިބި ދިވެހި އެތުލީޓުންނާއި، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ބައްދަލު ކުރައްވައި, އެ އެތުލީޓުންނަށް ހިތްވަރުދެއްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ޕެރަލިމްޕިކްސްގައި ބައިވެރިވުމަށް މިހާރު ޖަޕާނުގައި ތިބި ދިވެހި ޓީމުގެ ހުރިހާ ބޭފުޅުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފޮރިން މިނިސްޓަރު ވިދާޅުވީ، މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށެވެ.

އަދި މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ހުރިހާ އެތުލީޓުންގެ ނަންވެސް ދިވެހި ތާރީޚްގައި ލިޔެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މި މުބާރާތުގައި ތަމްސީލުކުރާ ދިވެހި އެތުލީޓުން މުބާރާތުގައި ވާދަކުރުމަކީވެސް އޭގެ ޒާތުގައި ގައުމަށް ލިބޭ ރަން މެޑަލެއްކަމަށެވެ.

އެގޮތުން ޝާހިދުވަނީ ޓޯކިޔޯ ޕެރަލިމްޕިކް މުބާރާތުގައި ވާދަކުރާ ދެ އެތުލީޓުންގެ ނަންވެސް ފާހަގަކުރައްވާފައެވެ. އަދި ކާމިޔާބީއަަށް އެދިވަޑައިގެން ހިތްވަރާއެކު މަސައްކަތްކުރެއްވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ދެ އެތުލީޓުން ދުވުމުގެ ރޭހުގައި ވާދަކުރާ ދުވަހު، އެ އެތުލީޓުންނަށް ހިތްވަރުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ބައްދަލުވުމުގައި، އެތުލީޓުންނާއި ޓީމުގައި ހިމެނޭ އޮފިޝަލުންވަނީ މި މުބާރަތަށް މަގުފަހި ކޮށްދިނުމަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުވަނީ، މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެކުޅުންތެރިންނަށް، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ތަހުނިޔާ އަރިސް ކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޖާޕާނުގައި ހުންނަ ދިވެހި އެމްބެސެޑަރު އިބްރާހިމް އުވައިސްއާއި، ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާނީ މުހައްމަދު މާޒިންއާއި ފާތިމަތު އިބްރާހީމެވެ. އެ ދެ އެތުލީޓުން ވާދަކުރުމަށް ހަމަޖެހިފައި ވަނީ 100 މީޓަރު ސްޕްރިންޓުގައެވެ.

comment ކޮމެންޓް