ފޭދޫ ސުކޫލުގައި ރޯކޮށްލީ ބަޔަކު ގަސްތުގައިކަމަށް ތުހުމަތުކޮށްފި

ށ. ފޭދޫ ސްކޫލްގެ ބާ އިމާރާތުގައި އަލިފާން ރޯވެފައި --- ފޮޓޯ/ ކިޔުންތެރިއެއް

ށ. ފޭދޫ ސްކޫލްގެ ބާ އިމާރާތުގައި އަލިފާން ރޯވީ ބަޔަކު ގަސްތުގައި ކުރިކަމަކުންކަމަށް އެ ރަށު ކައުންސިލުން ތުހުމަތުކޮށްފިއެވެ.

ފޭދޫގައި ކުރިން ސްކޫލެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ އިމާރާތުގައި އަލިފާން ރޯވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެރަށު ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް މިއަދު "ސަން" އަށް ވިދާޅުވީ އެ އިމާރާތަކީ އެއްވެސް ކަހަލަ އަލިފާން ރޯވެ، ހިފާ ޒާތުގެ އެއްޗެއް ހުރި އިމާރާތެއް ނޫން ކަަމަށާއި، އެ އިމާރާތުގައި ކަރަންޓުވެސް ނުހުންނަ ކަމަށެވެ.

އެހެންކަމުން އެ އިމާރާތުގައި ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ނޫނީ އަލިފާން ހިފާނެ ގޮތެއް ނޯންނާނެ ކަމަށް ރައިސަމް ވިދާޅުވިއެވެ.

"އެހެންވީމަ އެތަނުގަ އަލިފާން ރޯވާން ދިމާވާނެ ހަމައެކަނި ގޮތަކީ ބަޔަކު ގަސްތުގަ ރޯކޮށްލުން ކަމަށް ވާތީވެ، އެގޮތަށް މި ތުހުމަތު ކުރެވެނީ،" ރައިސަމް ވިދާޅުވިއެވެ.

ނަމަވެސް ސީދާ ތުހުމަތު ކުރެވޭ ވަކި މީހެއް ނުވަތަ ވަކި ބައެއް އަދި ފާހަގަކުރެވިފައި ނުވާކަމަށާއި، ފުލުހުން މިހާރު އެކަމުގެ ތަހުގީގު ފަށާފައިވާ ކަމަށް ރައިސަމް ވިދާޅުވިއެވެ.

ރައިސަމް އިތުރަށް ވިދާޅުވީ މީގެ ކުރިންވެސް ދެ ފަރަހެއްގެ މަތިން އެ އިމާރާތުގައި ރޯކޮށްލާފައިވާ ކަމަށެވެ.

މިދިޔަ އަަހަރުގެ ތެރޭގައި ރޯކޮށްލާފައިވަނީ އެ އިމާރާތް ކައިރީ ވަކިން ހަދާފައި އިން ކްލާސްރޫމެއްގައެވެ. އަދި ޖޫން ހިސާބުގައިވެސް ފޭދޫ ސުކޫލުގެ ބާ އިމާރާތުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެެވެ. ކައުންސިލުން ތުހުމަތުކުރާ ގޮތުގައި އެއީވެސް ބަޔަކު ގަސްތުގައި ކުރި ކަމެކެވެ.

ފޭދޫ ސުކޫލުގެ ބާ އިމާރާތުގައި ރޭ ހިނގި އަލިފާން ވަނީ އެ ވަގުތު ކޮންޓްރޯލު ކުރެވިފައެވެ. އެ އިމާރާތުގައި މިހާރު ބޭނުންކުރަމުންދާ ހޯލެއް ވެސް ހުރެއެވެ. ނަމަވެސް އެ ހޯލުގައި އަލިފާން ނުހިފަނީސް ސިފައިން ވަނީ އަލިފާން ނިއްވާލާފައެވެ.

comment ކޮމެންޓް