ރެއާލްއިން އަނެއްކާވެސް އެމްބާޕޭ ގެންނަން މަސައްކަތް ފަށައިފި

އެމްބާޕޭ ބޯޅަ ކޮންޓްރޯލް ކޮށްލަނީ--- ފޮޓޯ: ގާޑިއަން

ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ގެ ތަރި ކިލިއަން އެމްބާޕޭ ގެނައުމަށް ރެއާލް މެޑްރިޑުން 160 މިލިއަން ޔޫރޯ ހުށައަޅައިފިއެވެ. ރެއާލް މެޑްރިޑުން ވަނީ މިދިޔަ އާދީއްތަ ދުވަހު ރަސްމީ ސިފައެއްގައި ޕީއެސްޖީއަށް އެ ބިޑު ހުށައަޅާފައެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ޕީއެސްޖީއިން އަންނަނީ އޭނާ އެކްލަބުގައި މަޑު ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ކޮންޓްރެކްޓް އާ ކުރަން ޕީއެސްޖީއިން އެމްބާޕޭއަށް ދިން ހުށައެޅުމަށް އޭނާ ވަނީ ދެކޮޅު ހަދާފައެވެ. އުމުރުން އެންމެ 22 އަހަރުގެ އެމްބާޕޭ ވަނީ އޭނާ ރެއާލް މެޑްރިޑަށް ކުޅެން ބޭނުންވާކަން މީގެ ކުރިންވެސް ހާމަކޮށްފައެވެ.

ޕީއެސްޖީއަށް ޖުމްލަ 174 މެޗު ކުޅެ 133 ގޯލު ޖަހާފައިވާ އެމްބާޕޭ ވަނީ އެކްލަބާއެކު 11 ތަށި ހޯދާފައެވެ. އެމްބާޕޭ ވަނީ 2017 ވަނަ އަހަރު މޮނާކޯއިން ޕީއެސްޖީއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވުމަށްފަހު ޖެހިގެން އައި އަހަރު 165.7 މިލިއަން ޕައުންޑުގެ އަގަކަށް ދާއިމީކޮށް ޕީއެސްޖީއަށް ބަދަލުވެފައެވެ.

އެމްބާޕޭ ރެއާލްއާ ގުޅިދާނެތޯ ސުވާލު ކުރުމުން ރެއާލްގެ ކޯޗު ކާލޯ އެންޗަލޮޓީ ބުނީ އެއީ ޖަވާބުދޭން ދަތި ސުވާލެއްކަމަށެވެ. ފްރެންޗް ލީގުގައި މި ސީޒަނުގެ ހުރިހާ މެޗެއްގައި ކުޅެފައިވާ އެމްބާޕޭއާ ބެހޭ ގޮތުން ޕީއެސްޖީގެ ކޯޗު މޮރީސިއޯ ޕޮޗެޓީނޯ ބުނީ އެމްބާޕޭ އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން ކަމަށާއި އަދި މި ސީޒަން ނިމެންދެން އެމްބާޕޭ އެޓީމުގައި މަޑުކުރާނެ ކަމަށެވެ.

އުމުރުން އެންމެ 22 އަހަރުގެ އެމްބާޕޭ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރިވެރި އަދި ނުރައްކާތެރި އެއް ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ފްރާންސްއިން ވޯލްޑް ކަޕް ކާމިޔާބުކުރި އިރު އެޓީމުގައި މުހިންމު ދައުރެއް އަދާކޮށް މުހިންމު ލަނޑުތަކެއްވެސް ކާމިޔާބުކޮށްފައެވެ. ފުޓުބޯޅަ ދިރާސާކުރާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމްބާޕޭ އަކީ ކުރިޔަށް އޮތްތަނުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނޭ އެކަކެވެ.

އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާކަމުގެ ވާހަކަތަކުގެ މީގެ ކުރިންވެސް ފެށިފައިވާއިރު ޕީއެސްޖީއިންވެސް ވަނީ އާ ސީޒަނަށްޓަކައި ޓީމު ވަރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ޖޯޖިއޯ ވައިނާލްޑަމް، ލިއޮނެލް މެސީ، އަޝްރަފް ހަކީމީ އަދި ސާޖިއޯ ރާމޮސް އެޓީމަށް ގެންގޮސްފައެވެ. އެމްބާޕޭ ޓީމު ދޫކޮށްލިޔަސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރާވަރުގެ އެންމެ ވަރުގަދަ ސްކޮޑެއް މިވަގުތު އޮތް ޓީމަކީ ޕީއެސްޖީއެވެ. ރެއާލްއަށް ކޮވިޑާއި ހެދި މާލީ ދަތިކަމާއި ކުރިމަތިވެފައިވާއިރު އެޓީމުން މި ސީޒަނަށް ތައްޔަރުވުމުގެ ގޮތުން ބަޔާން މިއުނިކްއަށް ކުޅުނު އޮސްޓްރިއާގެ ޑޭވިޑް އަލަބާ ވަނީ އެޓީމަށް ގެންގޮސްފައެވެ.

comment ކޮމެންޓް