ގެމަނަފުށީގެ ޗާލު ޑަސްބިންތަކަށް ބޮޑު ސަމާލުކަމެއް

ގެމަނަފުށީގައި ގާއިމުކުރި ޑަސްބިންތައް. މި ޑަސްބިންތަކުގެ ޑިޒައިންގެ ސަބަބުން ވަނީ ބޮޑު ސަމާލުކަމެއް ލިބެން ފަށާފަ. ފޮޓޯ/ޒުވާން މަސްވެރިޔާ

ރަށްރަށުގެ ނަންބޯޑުތައް ކައިރީގައި އަދި އުނދޯލިތަކުގައި މީހުން ފޮޓޯ ނަގާ ވާހަކައަކީ ތަފާތު ވާހަކައެއް ނޫނެވެ. އަދި އެއީ ތަފާތު މަންޒަރެއް ވެސް ނޫނެވެ. އެހެން ނަމަވެސް ޑަސްބިނެއްގެ ކައިރީގައި މީހަކު ފޮޓޯއެއް ނަގާ މަންޒަރަކީ ވަރަށް ނުފެންނަ މަންޒަރެކެވެ. ނަމަވެސް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ގއ. ގެމަނަފުށީގައި "ޗާލު ޑަސްބިން"ތަކެއް ބެހެއްޓުމާއެކު ގިނަ ބައެއްގެ ސަމާލުކަން މިވަނީ އެކަމަށް ދަމައިގަނެފައެވެ. އެ މަސައްކަތް މިވަނީ އެރަށުގައި އެންމެ "ޓްރެންޑްވާ" އެއް ވާހަކައަށް ބަދަލުވެފައެވެ.

މި ޑަސްބިންތަކަކީ އެންސިސްގެ ސްޕޮންސާޝިޕްއާއި އުގެއިލް ފައުންޑޭޝަންގެ އެހީތެރިކަމާއެކު ބަހައްޓާފައިވާ ޑަސްބިންތަކެކެވެ. ގައިމުވެސް މި ޑަސްބިންތަކުގެ ސަބަބުން ގެމަނަފުށި ނަލަކަންމަތީގައި ބޭއްވުމަށް އިތުރު އެހީތެރިކަމެއް ލިބޭނެއެވެ.

ގެމަނަފުށީގައި ބެހެއްޓި ޑަސްބިންތަކާ ބެހޭގޮތުން އެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވި ހަސަން ސާޖިން ނުވަތަ އާންމު ނަމުންނަމަ ޒުވާން މަސްވެރިޔާ ބުނީ، އެއީ އެރަށު ކައުންސިލްއާއި ހުރިހާ ޖަމިއްޔާތަކުން ބައިވެރިވެގެން ކުރާ ކަމެއް ކަމަށެވެ. "ސާފު ކަނޑުފަޅު" ގެ ނަމުގައި ގެންދާ ކެމްޕޭންގައި މި ބެހެއްޓި ޑަސްބިންތަކަކީ އެރަށު ޒުވާނުންގެ ހިއްސާއާއެކު ކުރެވުނު ވަރަށް ނަލަ އެހާމެ ހިތްގައިމު މަސައްކަތެކެވެ.

"ގެމަނަފުށީގައި އެބަ އޮތް އަށް ދޯނި. އެ ހުރިހާ ދޯންޏެއްގެ ކުނި އަހަރެމެން ކަލެކްޓް ކުރާތާ މިހާރު ހަތަރު މަސް މިވީ. މިހާރުވެސް 12 ވަރަކަށް ޖަންބޯ ފުރާ ޕްލާސްޓިކް ފުޅި އަހަރެމެން މާލެ ފޮނުވައިފިން. އަދި ބަނދަރުމަތީގައި އެބަހުރި ފަސް ޖަންބޯ ޑަސްބިން ބަހައްޓާފަ. އަދި އަނެއްކާ ރަށުތެރޭގައި މި ބޭންދީ 14 ތަނެއްގައި 14 ޑަސްބިން،" ރީތި ޑަސްބިންތަކެއް ބެހެއްޓީ، ފަޅުރަށްރަށް ސާފު ކުރުމާއި މަސްވެރިން ގެންދާ ޕްލާސްޓިކް ކުނި މޫދަށް އުކާލުމުގެ ބަދަލުގައި ރަށަށް ގެންދިއުން ފަދަ މުހިންމު މަގްސަދުތަކެއްގައި ކަމަށް ސާޖިން ފާހަގަކުރިއެވެ.

ޑަސްބިނެއްގެ ވާހަކަ ދެއްކުމަކީ ކޮންމެވެސް ވަރަކަށް ހައިރާންކަން ގެނުވާވަރުގެ ކަމަކަށް ވެދާނެއެވެ. އެކަމަކު ރަށުގެ އެކި ހިސާބު ތަކުގައި ޑަސްބިން ބެހެއްޓުމަކީ އާންމުކޮށް ރަށްރަށުގައި ކުރާ ކަމެއް ނަމަވެސް، އެކަންވެސް މި ޒުވާނުން ކުރީ ތަފާތު ގޮތަކަށެވެ. ބަލާލަން ރީތިވެފައި، ހިތްގައިމުވުމުގެ އިތުރުން މި ޑަސްބިންތައް ބެލެހެއްޓުމަށްވެސް މި ޒުވާނުން ނިންމީ ތަފާތު ގޮތަކަށެވެ.

ކޮންމެ ޑަސްބިނެއްގެ މަތީގައި ޗާލު މާގަހެއް އިންދާފައި ވާއިރު، މާގަސް ބެލެހެއްޓުމަށް ހަވާލުކޮށްފައި ވަނީ އެ ޑަސްބިނެއް ހުރި ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ.

ގަހަށް ފެން އެޅުމާއި، ގަސް މަރުވެއްޖެނަމަ އާ ގަހެއް ޖެހުމާ ވެސް ހަވާލުވެގެން ތިބީ ހަމަ އަވައްޓެރިންނެވެ. ޑަސްބިންތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާނީ ކައުންސިލުންނެވެ. އަދި ޑަސްބިންތައް ހުސްކޮށްދޭނީ ވެސް ކައުންސިލުންކަމަށް ސާޖިން ފާހަގަކުރިއެވެ.

ބަނދަރުމަތީގައި ބެހެއްޓިފައިވާ ޖަންބޯ ޑަސްބިން ހާއްސަ ކުރެވިފައި ވަނީ ދޯނިފަހަރުގެ މީހުން ގެންނަ ކުނި އެޅުމަށެވެ. އެހެންކަމުން ގެމަނަފުށީގެ މަސްވެރިން މިހާރު މޫދަށް ކުނި ނޫކައެވެ. އުކާކަށް ނުވެސް ޖެހެއެވެ މަހުން އެނބުރި އައިސް، ޖަންބޯ ޑަސްބިނަށް ކުނި އަޅަނީއެވެ.

ރަށުތެރޭގައި ބަހައްޓާފައި ހުރި ޑަސްބިންތަކަކީ ރަށް ސާފު، ރީތި ތަނެއްގެ ގޮތުގައި ބެހެއްޓުމަށް ތައްޔާރު ކުރެވިފައިވާ ޑަސްބިން ތަކެކެވެ.

އެންސިސްގެ ސްޕޮންސާޝިޕްއާއި އުގެއިލް ފައުންޑޭޝަންގެ އެހީތެރިކަމުގެ ދަށުން ފެށި މި ކެމްޕެއިން ކުރިއަށް އޮތް ތަނުގައި ފުޅާވާނެކަމަށް ސާޖިން ބުނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން އުގެއިލް ފައުންޑޭޝަންގެ ނައިބު ރައީސް ލިވްޝާނާ ޝަރީފް ވިދާޅުވީ އުގެއިލް ފައުންޑޭޝަނުން މި މަސައްކަތުގައި ހަރަކާތްތެރިވީ އެއީ ތިމާވެށި ރައްކާތެރިކޮށް އެ ދާއިރާއިން ކުރާ ހުރިހާ މަސައްކަތަކީވެސް މުހިންމު ބޮޑު މަސައްކަތްތަކެއް ދެކޭތީވެކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ދެކެން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މިކަހަލަ މަސައްކަތަކީ މުހިންމު ކަމެއްކަން. ދެން ގެމަނަފުށީގައި މިކަހަލަ މަސައްކަތެއް ކުރުމަކީ އުގެއިލް ފައުންޑޭޝަނުންވެސް ހަމަ ކުރާ ހިތުން ބައިވެރިވެގެން ކުރި ކަމެއް،" ލިވްޝާނާ "ސަން" އަށް ވިދާޅުވިއެވެ.

comment ކޮމެންޓް