ބެންގަލޫރުއިން މާޒިޔާ ކޮޅަށް ހަ ލަނޑު ޖަހައިފި

މާޒިޔާ ސްޕޯޓްސް އާ ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: އެފްއޭއެމް

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގުރޫޕުގެ ފަހު މެޗުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކޮޅަށް ބެންގަލޫރު އެފްސީއިން ހަ ލަނޑު ޖަހައި، މެޗު 6-2 ކާމިޔާބުކޮށްފިއެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ބެންގަލޫރު ގުރޫޕް ސްޓޭޖު ނިންމާލީ ހަތަރު ޕޮއިންޓާއެކުއެވެ. މާޒިޔާ ގުރޫޕު ސްޓޭޖު ނިންމާލީ ތާވަލުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ހަވަނަ މިނިޓުގައި ބެންގަލޫރަށް ޖަހައިދިނީ އުދާންތާ ސިންގްއެވެ. އަރިމަތިން ނަގައިދިން ހުރަސް އުދާންތާ ގޯލުގެ ތެރެއަށް ވައްދާލީ ބޮލުންނެވެ.

ބެންގަލޫރުއިން މެޗުގެ ދެވަނަ ލަނޑު ޖެހީ 18 ވަނަ މިނިޓުގައެވެ. މާޒިޔާ ކީޕަރު ހުސެއިން ޝަރީޕު ހެދި ގޯހެއްގެ ފައިދާ ނަގައި މިލަނޑު ޖެހީ ބްރެޒިލް ފޯވާޑް ކްލެއިޓަންއެވެ.

މެޗުގެ 35 ވަނަ މިނިޓުގައި ބެންގަލޫރުގެ ތިން ވަނަ ލަނޑު ޖެހީ ލިއޯން އޮގަސްޓިންއެވެ. ކަނާތު ފަޅިން ބޯޅަ ހިފައިގެން ވަދެ ލިއޯން ވަނީ މާޒިޔާ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. ބެންގަލޫރު އޭރިއާ ތެރެއިން ލިބުނު ބޯޅަ ހަމްޒާ ވަނީ ވާތު ފައިން ގޯލުގެ ކަނަށް އަމާޒުކޮށްލާފައެވެ.

މެޗުގެ 70 ވަނަ މިނިޓުގައި އުދާންތާ ހުސްކޮށްލާފައި ދިން ބޯޅައިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސިވާ ސަކްތީ ވަނީ ގޯލު ޖަހާފައެވެ.

މާޒިޔާއިން 81 ވަނަ މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖެހިއެވެ. ކައުންޓާ އެޓޭކުގައި ހަމްޕު ހިފައިގެން ވަދެ ނަގައިދިން ހުރަސް އަސްދުﷲ އަބްދުﷲ ވަނީ ގޯލުގެ ދާގަނޑަށް އަމާޒުކޮށްލާފައެވެ.

ބެންގަލޫރުގެ ފަހު ދެލަނޑު ޖަހައިދިނީ އުންމީދީ ފޯވާޑް ބިދްޔަޝަގަރު ސިންގްއެވެ. 85 ވަނަ މިނިޓުގައި އުދާންތާ ފަޅި ބަދަލުކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ބިދްޔަޝަގަރު ވަނީ ގޯލުގެ ތެރެއަށް އަމާޒުކޮށްލާފައެވެ.

އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ބިދްޔަޝަގަރު އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. އަރިމަތިން ލިބުނު ބޯޅަ ކޮންޓްރޯލްކޮށްލުމަށްފަހު ބިދްޔަޝަގަރު ވަނީ މާޒިޔާ ގޯލުގެ ތެރެއަށް ބޯޅަ އޮއްސާލާފައެވެ.

comment ކޮމެންޓް