ލަންކާއިން ވިސާ ކަންކަމަށް ބަދަލު ގެނައުމަކުން ރާއްޖެއަށް އަސަރެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އާއި ލަންޑަން އާއި ދެމެދު ދަތުރު ފެށުން ---

ލަންކާއިން އެ ގައުމަށް އެތެރެވާ މީހުންނަށް ވިސާ ދިނުމުގެ އުސޫލަށް ގެންނަ ބަދަލަކުން ރާއްޖެއަަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ލަންކާއަށް ޓޫރިސްޓް ވިސާގައި ދަތުރުކުރާ ދިވެހިންނާމެދު އަމަލުކުރަމުންދާނީ މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށެވެ. އެގޮތުން ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އެޕްރޫވަލް (އީޓީއޭ) ސިސްޓަމް މެދުވެރިކޮށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ނަގައިގެން މިހާރުވެސް ދަތުރުކުރެވޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން ވިސާ ދޫކުރުމަށް އަލަށް ގެންނަ ބަދަލުތައް ތަންފީޒުވާން ފެށި ނަމަވެސް ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ބައިލޭޓަރަލް އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ހިލޭ ވިސާ ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ ކަމަށެވެ.

އަދި 180 ދުވަހުގެ ވިސާ އީޓީއޭ މެދުވެރިކޮށް 50 ޑޮލަރުގެ ފީއަކަށް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އީޓީއޭ ސިސްޓަމް މެދުވެރިކޮށް ކުރިން ހުއްދަ ނަގައިގެން ލަންކާއަށް ދަތުރުކުރުމުގެ އުސޫލަކީ ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

ސްރީލަންކާއަށް ވިސާއާ ނުލާ އެތެރެވުމުގެ ހުއްދަ އޮންނަ އެހެން ގައުމުތަކުގެ ރައްޔިތުންވެސް އެގައުމަށް ދަތުރުކުރުމުގެ ކުރިން މިހާރު އީޓީއޭ ސިސްޓަމް މެދުވެރިކޮށް ހުއްދަ ނަގަން ޖެހެއެވެ.

ލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު މި ވަގުތު އެ ގައުމު ވަނީ 10 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ކޮށްފައެވެ.

comment ކޮމެންޓް