ދަރަނިން ސަލާމަތްނުވެވި މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތެއް ނުވެވޭނެ: ނަޝީދު

ފެބްރުއަރީ 22، 2020: އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ދަރަނި ދެއްކުމުގެ ރަނގަޅު ޕްލޭނެއް ނެތި މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް އެތައް ދަތިތަކެއް ކުރިމަތިވާނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކެނެޑާގެ "ސީބީސީ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ދަރަނި މެނޭޖުކުރުމުގެ ރަނގަޅު ޕްލޭނެއް ނެތި މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަަށް މަސައްކަތްކުރުމަށް ފަންޑު ހޯދުމަކީ ދަތިކަމަކަަށް ވެގެންދާނެކަމަށެވެ.

"ސަރުކާރުގެ ބަޖެޓުން އެކި ކަންކަންކުރުމަށް ހާއްސަ ކުރާއިރު ދައުލަތުގެ ބަޖެޓުގެ 30 ނުވަތަ 40 ޕަސެންޓު މި ހޭދަކުރަނީ ދަރަނި ދެއްކުމަށް. 25 ޕަސެންޓް މި ހާއްސަ ކުރަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކަންކަންކުރުމަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިކަން ސިފަކުރެއްވީ ދައުލަތަށް އޮތް މާލީ ބޮޑު ދައްޗެއްގެ ގޮތުގައެވެ.

"ރަނގަޅު ދިރިއުޅުމެއް އުޅުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ދަރަންޏަށް ދައްކާ ފައިސާ މަދުކުރެވޭނެ ގޮތެއް ހަދަން. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހަރަދު ކުރާ މިންވަރު އިތުރުކުރަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަދު ރާއްޖެއަށް އޮތް އެންމެ ބޮޑު ބިރަކީ ކަނޑުގެ ލޮނުގަނޑު އުސްވުން ކަމަށެވެ. އަދި އެއާއެކު ރާއްޖެ ނެތިގެން ހިނގައިދިޔުމުގެ ބިރުއެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަންނަނީ ބޭރުގެ އެކި މީޑިއާތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިންޓަވިއު ދެއްވަމުންނެވެ.

https://sun.mv/155257

ރާއްޖެއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ބިން ތިރި ގައުމެވެ. އަދި އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު އިތުރުވާނެކަމަށް ތިމާވެށީގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް