ރާއްޖެ ނެތިގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވެއްޖެ: ރައީސް ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ ސަން

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖެ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު މިއަދު ޔަގީންވެފައިވާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބީބީސީގެ ރިޕޯޓެއް ހިއްސާކުރައްވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ރިޕޯޓަކީ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ލިބިގެންދާ ހިތްދަތި ހަބަރެއްކަމަށެވެ.

ރައީސް ނަޝީދު ހިއްސާކުރައްވާފައިވާ ބީބީސީ ގެ ރިޕޯޓު ބުނާގޮތުން ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 14،000 އަށްވުރެ ގިނަ ސައިންޓެފިކް ކަރުދާސް ދިރާސާކޮށްފައެވެ. އަދި އޭގެ ހޯދުންތަކުގެ އަލީގައި އެ ޖަމިއްޔާއިން ރިޕޯޓެއް ނެރުމަށް ތައްޔާރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ހޫނުމިން ރެކޯޑް މިންވަރަކަށް އިތުރުވެ، ފެންބޮޑުވުމާއި ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާތައް ހިނގާ މިންވަރުވެސް އިތުރުވެފައިވާކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު ކުރިޔަށް އޮތް 100 އަހަރު ނުވަތަ 1000 އަހަރަށް ކަނޑުގެ ލޮނުގަނޑު އުސްވަމުން ދާނެކަމަށްވެސް ދިރާސާ ކަރުދާސްތަކުގައި ވަނީ ބުނެފައެވެ. ރާއްޖެއިން އަންނަނީ ތިމާވެއްޓާއި މޫސުމާ ގުޅޭ އެކިއެކި މައްސަލަތަކުގައި އަބަދުވެސް ބައިނަލްއަގްވާމީ އިދާރާތަކުގައި ބަސް ބުނަމުންނެވެ. އަދި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމަކީވެސް ރާއްޖެއެވެ.

އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި އެންމެ ކުރީ ސަފުގައި ރާއްޖެ އޮތްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރުވެސް މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ރާއްޖެ ތަހައްމަލުކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން އަބަދުވެސް ހަރުއަޑުން ވަކާލާތުކުރައްވަ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތައް އިތުރުވާ މިންވަރު ދަށްކުރުމަށް ދުނިޔޭގެ ގައުމުތަކުން މަސައްކަތްކުރުމަށް މީގެ ކުރިން ގޮވާލައްވާފައެވެ.

comment ކޮމެންޓް