ކިނޮޅަހުގައި ހިންގި މަރާމާރީގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ: ފުލުހުން

ފުލުހުން -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރ. ކިނޮޅަހުގައި ހިންގި މާރާމާރީގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ރަށުގައި މާރާމާރީއެއް ހިނގައިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު މައްސަލަ ތަހުގީގުކުރަން ފެށިކަމަށެވެ.

ނަމަވެސް މައްސަލައިގައި ދެ މީހަކު ހިމެނޭއިރު އެއިން އެއްވެސް މީހަކު މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދީފައިނުވާކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން މައްސަލަ އިތުރަށް ކުރިއަށް ނުދާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަައިގައި ފުލުހުން ބެލި ބެލުމުން މި މައްސަލައަކީ ދެބެއިންގެ ދެމެދު ހިނގައިދިޔަ މާރާމާރީއެއްކަން އެނގިފައިވާކަމަށެވެ.

ކިނޮޅަހުގައި މާރާމާރީއެއް ހިނގައިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ.

މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ކިނޮޅަހު ކައުންސިލުގެ ރައީސް އަހްމަދު ހުސައިން "ސަން" އަށް ވިދާޅުވީ މި މާރާމާރީގެ މައްސަލަ ކައުންސިލަށް އެނގުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

"މި މައްސަލަ ކައުންސިލަށް އެނގުމާއެކު އަޅުގަނޑުމެން ވާނީ ފުލުހުންނާއި ޖެންޑާގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައި،" އަހްމަދު ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައިގައި ޖެންޑާ މިނިސްޓްރީން އަމަލުކުރަމުން އަންނަ ގޮތުގެ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް