ޔޫކޭ އާއި އަބޫދާބީ ރެޑް ލިސްޓަށް ރާއްޖެ އެރީ ގައިޑްލައިން ބަދަލުކުރީމަ: މަބްރޫކް

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް -- ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިވިލާތާއި އަބޫދާބީގެ ރެޑް ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ އެ ދެ ގައުމުގެ ކޮވިިޑް ގައިޑްލައިންތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހައްކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެ ދެ ގައުމުގެ ރެޑް ލިސްޓަށް ރާއްޖެ އަރާފައިވަނީ އެ ދެ ގައުމުން ރިވިއު ޕީރިއަޑް ކުރިއަށް ގެންދިޔަ އިރުކަމަށެވެ. އަދި ވަކި ކަންތައްތަކަށް އިސްކަން ދީ ގައިޑްލައިނަށް ގެނައި ބަދަލުތަކެއްގެ ސަބަބުން އެ ލިސްޓަށް ނަން އެރީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކީ އަޅުގަނޑުމެންނަށް ދެރަކޮށް ދިމާވިކަމެއް. އެމީހުންގެ ރިވިއު ޕީރިއަޑަށް އެމީހުން ބަލާނީ. އެ ހިސާބަަށް ދަންދެން ދެން އިތުރަށް ބެލުމެއް ނޯންނާނެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ދެން އެ ދެ ގައުމުން ހަދާ ރިވިއުއަކާއެކު ރަނގަޅު ނަތީޖާއެއް ފެނިގެންދާނެކަމަށެވެ.

"އެނގިލައްވާނެ ރާއްޖޭގެ ހާލަތު. ދުނިޔޭގެ އެހެނިހެން މާ ގިނަ ގައުމުތަކަށްވުރެ ރަނގަޅުވެފައިވަނިކޮށް މިކަން މި ދިމާވީ އެ ބޭފުޅުން ބައްލަވާ މިންގަނޑަށް ގެނައި ބަަދަލެއްގެ ސަބަބުން،" މަބްރޫކް ވިދާޅުވިއެވެ.

ޔޫކޭގެ ކޮވިޑް ރެޑް ލިސްޓުގައި ރާއްޖެ އޮތުމާއެކު އެކަމާ ގުޅިގެން ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރަައްވާފައެވެ.

ފަރަހަނާޒް ވިދާޅުވީ އެ ލިސްޓުގައި ރާއްޖެ އޮންނަންވީ ސަބަބެއް ނެތްކަމަށެވެ.

comment ކޮމެންޓް