ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަނީ

އެމްއެމްއޭގެ ފަރާތުން، އެމްއެމްއޭގެ ގަވަރުނަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރާ މަސައްކަތްތަކުގެ ދަށުން، ބޭރު ފައިސާ ބަދަލު ކުރުމާ ބެހޭ ސިޔާސަތުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިހެން ވިދާޅުވީ ޑޮލަރުގެ އަގު ދަށް ކުރުމާއި ކަޅު ފައިސާގެ ވިޔަފާރި ހުއްޓުވުމާ ބެހޭ ގޮތުން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިމާދު ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ގެންނަން ބޭނުންވާ ބަދަލުތަކަށް ސަރުކާރުން ވަނީ ތާއިދުކޮށްފައެވެ. އަދި އެ ބަދަލުތަކާ ބެހޭ މަޝްވަރާތައް ކަމާ ގުޅުން ހުރި ބޭރުގެ ފަރާތްތަކާ އެކުވެސް ކުރިއަށްގެންގޮސްފައިވެއެވެ.

"ފޮރިން މާކެޓް އެކްސްޗޭންޖުގެ މިހާރު އޮތް ރެގިއުލޭޓަރީ ފްރޭމްވޯކަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން އެބަދަން،"

"މިހާރު އަޅުގަނޑުމެންނަށް ދެވިފަ އޮތް ހިސާބަކީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކުރެވި، އަޅުގަނޑުމެން ނަގަން ބޭނުންވާ މެޝާސްތަކަށް ސަރުކާރުގެ ސަޕޯޓް ލިބިފަ އެބަ އޮތް،" އިމާދު ވިދާޅުވިއެވެ.

އެ އިސްލާހުތަކާ ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށް އަންނާނެ ބަދަލުތަކާ ބެހޭ ގޮތުންް، މި ހަފްތާއިން ފެށިގެން ވިޔަފާރިވެރިންނާ ވާހަކަ ދައްކަމުންދާކަމަށްވެސް އިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރު ފައިސާ ބަދަލު ކުރުމާ ބެހޭ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކަކީ ވިޔަފާރިވެރިންގެ އިތުރުން ހުރިހާ ރައްޔިތުންނަށްވެސް އޭގެ އަސަރުތައް ކުރާނެ ކަމެއް ކަމުން، އެންމެންނަށްވެސް އެކަމާ ބެހޭ މައުލޫމާތު ދޭނެ ކަމަށް އިމާދު ވިދާޅުވިއެވެ.

"ޕަބްލިކާ ޕޮލިސީ ބަދަލުތައް ހިއްސާ ކުރުމަށް އަޅުގަނޑުމެންގެ ޕްލޭނެއް އެބައިން"

"އަޅުގަނޑުމެން މިގެންނަ ބަދަލުތަކަކީ އަޅުގަނޑު ހިތުން މުޅި ބިޒްނަސް ކޮމިޓީއާ އޭގެ އިތުރުން އާންމު ހުރިހާ ފަރުދުންނަށްވެސް އޭގެ ސަބަބުން ބަދަލުތައް އަންނާނެ ކަމަކަށް ވާތީ، ހުރިހާ ލެވެލެއްގަ އަޅުގަނޑުމެންގެ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް އޮތް ދުވަސްތަކުގެ ކުރިއަށްގެންދާނަން،" އިމާދު ވިދާޅުވިއެވެ.

comment ކޮމެންޓް