ސަންޖޭގެ "ކޭޖީއެފް 2" ފަސްކޮށްފި

ފިލްމުގެ ޕޯސްޓަރެއް---

ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ރިލީޒްކުރުން ފަސްކޮށްފިއެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ތިއޭޓާތަކުގައި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމު ލީޑު ރޯލު ކުޅޭނީ ޔަޝްއެވެ.

ފިލްމު ފަސްކުރިކަން ހާމަކުރަމުން ޔަޝް ކުރި ޓްވީޓެއްގައި ބުނީ ފިލްމު އެޅުވުން ފަސްކުރި ނަމަވެސް ވެވުނު ވަޢުދާ އެއްގޮތަށް ފިލްމު އާންމުންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ. އަދި މި ފިލްމު ތިއޭޓާތަކުގައި ރިލީޒްކުރާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

މި ފިލްމުގެ ދެވަނަ ބައި ކުރިއަށްދާނީ ފިލްމުގެ ފުރަތަމަ ބައި ނިމުނު ހިސާބުންނެވެ. ކޭޖީއެފްގެ މި ބައި ވެގެންދާނީ ބެލުންތެރިންގެ ލޮލުން ކަރުނަ އަންނަ ވަރުގެ ފިލްމަކަށް ކަމަށް ހަބަރުތައް ބުނެއެވެ.

ނުބައި މީހެއްގެ ރޯލު ކުޅޭ ސަންޖޭ މި ފިލްމުގައި ކުޅޭނީ އަދީރާ ކިޔާ ކެރެކްޓާއަކުންނެވެ. "ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018ގައި ރިލީޒްކުރި "ކޭޖީއެފް: ޗެޕްޓާ 1"ގެ ސީކްއެލްއެވެ. މި ފިލްމުގެ ފުރަތަމަ ބަޔަށް ވެސް ވަނީ އާންމުންނާ ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުގައި ބަތަލާ ރަވީނާ ޓަންޑަންގެ ރޯލެއް ވެސް ހިމެނޭނެއެވެ. އޭނާ މި ފިލްމުގައި ކުޅޭނީ ބޮޑު ވަޒީރެއްގެ ރޯލެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރަޝާންތު ނީލްއެވެ.

comment ކޮމެންޓް