އެއްފަހަރާ ގިނަ އުޅަނދުތަކަކަށް ހިދުމަތްދެވޭ ފިއުލް ޝެޑެއް ގާއިމުކުރަނީ

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޒަމާނީ ފިއުލް ޝެޑެއް އެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ވަނީ އެފްއެސްއެމްއާ ހަވާލު ކޮށްފަ -- ފޮޓޯ: ޓްވިޓާ

އެއް ފަހަރާ ގިނަ އަދަދެއްގެ އުޅަނދުތަކަކަށް ހިދުމަތް ދެވޭނެހެން ޒަމާނީ ފިއުލް ޝެޑެއް މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އެޅުމުގެ މަސައްކަތް ސަރުކާރުން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)އާ ހަވާލުކޮށްފިއެވެ.

އެފްއެސްއެމްއިން މިއަދު ބުނި ގޮތުގައި އެ ޝެޑު އެޅުމަށް އެ ކުންފުނިން ވަނީ ޕްލޭނިން މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ ޝެޑުން ހަތަރު ފުރޮޅުލީ އަށް އުޅަނދަށާއި ދެ ފުރޮޅުލީ 16 އުޅަނދަށް އެއްފަހަރާ ހިދުމަތް ދެވޭނެއެވެ.

މާލެ ސަރަހައްދުގައި ހުރި ފިއުލް ޝެޑުތައް އަޕްގްރޭޑްކޮށް، ޒަމާނީ ޓެކްނޮލޮޖީއާ އެކު ހިދުމަތް ދެވޭ ގޮތަށް ބަދަލު ގެންނާނެ ކަމަށް އެފްއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީގެ އިތުރުން، އިންޑަސްޓްރިއަލް ވިލެޖުގައި އަޅާ ޝެޑު ތަރައްގީކޮށް ނިމުމުގެ ކުރިން މާލެ ސަރަހައްދުގެ ކޮންމެވެސް އެއް ޝެޑަކުން ސެލްފް ސާވިސް ހިދުމަތް ދިނުމަށް އެ ކުންފުނިން ނިންމާފައިވާކަމަށް ގަސަމް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް