ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން މާލެއާއި ހުޅުމާލޭގައި ހިންގާ ޕެޓްރޯލް ޝެޑުތަކުން ފުޅިއާއި ހަމަށް ތެޔޮ އަޅައިދޭ އުސޫލު އިއްޔެ ބަދަލުކޮށްފިއެވެ.
އެފްއެސްއެމުން އިއްޔެ ނެރުނު ނޯޓިސްއެއްގައި ވަނީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެއާއި ހުޅުމާލޭގައި ހިންގާ ޝެޑުތަކުން ފުޅިއާއި ހަމަށް ތެޔޮ އަޅައިދޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެ އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ފުޅިއަކަށް ކަސްޓަމަރަކަށް ދެން ދޫކުރަނީ ދުވާލަކަށް ތިން ލީޓަރެވެ. ފުޅިއަށް ތެޔޮ އަޅާދެވެނީ މިހާރެކޭ އެއްގޮތަށް އެ ކަސްޓަމަރެއްގެ އައިޑީކާޑު ހުށަހެޅުމުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި، ހަމަށް ތެޔޮ ދޫކުރަނީ ޑިންގީ ނުވަތަ ލޯންޗެއްގެ ރަޖިސްޓްރީއަށް ބަލައިގެން ދުވާލަކަށް ގިނަވެގެން 80 ލީޓަރު ކަމަށް އެފްއެސްއެމުން ބުނެފައިވެއެވެ.
އެގޮތުން، އެ ބަދަލުތައް ގެނައުމަށް ނިންމީ ސަލާމަތީ މިންގަނޑުތަކަށް ބަލައި އުސޫލަށް ބަދަލު ގެންނަން ފެންނާތީ ކަމަށާއި ޚިދުމަތް ލިބިގަންނަ މީހުންނަށް އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މެއި މަހުގެ ތެރޭގައި އެސްޓީއޯއިން ވަނީ ޑީސެލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަކޮށްފައެވެ. އެހެންވެ، މިހާރު އެފްއެސްއެމްގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ލިބެނީ 13.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.92 ރުދިޔާއަށެވެ.