ރާއްޖޭގެ ކޮވިޑް ވެކްސިން ކާޑު ބޭރު ގައުމުތަކުން ބަލައިނުގަނޭ!؟

ކޮވިޑް-19 ވެކްސިން ޖެހުމުން ރާއްޖެއިން ދޫކުރާ "ކޮވިޑް-19 ދިފާއު" ވެކްސިން ކާޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ވެކްސިން ޖެހުމުން ރާއްޖެއިން ދޫކުރާ "ކޮވިޑް-19 ދިފާއު" ވެކްސިން ކާޑުން، ކާޑު ދޫކުރި ގައުމު އެނގެން ނެތުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ކާޑު ބަލައިނުގަންނަ ކަމުގެ ޝަކުވާތަކެއް އާންމުވެއްޖެއެވެ.

އެގޮތުން ރާއްޖެއިން ދޫކުރާ ވެކްސިން ކާޑުގައި. ކާޑު ދޫކުރި ގައުމު އެނގެން ނެތުމުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ ބައޯމެޑިކަލް ސައިންޓިސްޓް އަދި ޑޮކްޓަރެއްކަމަށްވާ އިބްރާހިމް މުސްތަފާ އޭނާގެ ޓުވިޓާގައި ވިދާޅުވީ ކޮވިޑް ދިފާއު ވެކްސިން ކާޑާއެކު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އޮފީހަކަށް ވަނުމަށް އޭނާއަށްވެސް ދަތިތަކެއް ކުރިމަތިވިކަމަށެވެ. އަދި އެއީ ކޮވިޑް-19 ދިފާއު ވެކްސިން ކާޑުގައި، އެ ކާޑަކީ ރާއްޖެއިން ދޫކުރި ކާޑެއްކަން އެއްވެސް ވަރަކަށް އެނގެން ނެތުމުން ކުރިމަތިވި ދަައްޗެއްކަމަށެވެ. އަދި ކާޑުގައި ހުންނަ ކިއުއާރު ކޮޑުންވެސް އެއީ ރާއްޖެއިން ދޫކޮށްފައިވާ ކާޑެއްކަން އަންގައިދޭ އެއްވެސް މައުލޫމާތެއް ނުދައްކާ ކަމަށެވެ.

އެގޮތުން ކާޑު ދޫކުރި ގައުމު އެނގެން ނެތުމުން ކާޑުގެ ސައްހަކަމާމެދު ގައުމުތަކުން ސުވާލު އުފައްދާކަމަށް މިކަން ތަޖުރިބާކޮށްފައިވާ ބައެއް ދިވެހިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވެއެވެ. އަދި އޭގެ ސަބަބުން ވެކްސިން ޖެހުމުން ލިބިގެންދާ ލުއިތައް ނުލިބި، އަމިއްލަ ޖީބުން ހަރަދުކޮށްގެން ޕީސީއާރު ޓެސްޓު ތަކުރާރުކޮށް ހަދަން މަޖުބޫރުވާކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެހެންނަމަވެސް ބައެއް އާންމު ފަރާތްތަކުން ވަނީ އޮންލައިންކޮށް މައި ހެލްތު ޕޯޓަލް މެދުވެރިކޮށް ދޫކުރާ ވެކްސިން އީ-ކާޑު ބޭނުންކޮށްގެން ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ބޭރުގެ ބައެއް ގައުމުތަކުން ލިބޭ ލުއިތައް ލިބިގެންދާކަމަށް ހާމަކޮށްފައެވެ. އަދި ވެކްސިން ކާޑުގެ މައްސަލައަކީ ބައެއް ގައުމުތަކުގައި ގަވާއިދުތައް ތަފާތުވުމުން މެދުވެރިވާ ދަތިތަކެއްކަމަށްވެސް ބުނެފައެވެ.

ރާއްޖެއިން ދޫކުރާ ކޮވިޑް-19 ވެކްސިން ކާޑުގައި ހިމެނެނީ ވެކްސިން ޖެހި މީހާގެ އައިޑީކާޑު ނަމްބަރާއި، ނަމާއި، އުފަންދުވަހުގެ ތާރީހުގެ އިތުރުން ދިރިއުޅޭ އެޑްރެހުގެ މައުލޫމާތެވެ. އަދި ޖެހި ވެކްސިންގެ ނަމާއި މައުލޫމާތުގެ އިތުރުން ވެކްސިން ޖަހައިދިން ފަރާތުގެ ނަމަވެ. ކާޑުގެ އެއްވެސް ތަނެއްގައި ކާޑު ދޫކުރީ ރާއްޖެއިންކަން އެނގޭކަށް ނެތެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ރަސްމީ ބަހެއް އަދި ލިބޭގޮތްވަނީ ނުވެފައެވެ. އަދި އެޗްޕީއޭއިން މި ވެކްސިން ކާޑަކީ ދަތުރުކުރަން ބޭނުންކުރެވޭ ކާޑެއްކަންވެސް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް