ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލާ ޕެޓިޝަންގައި ބޮންޑޭ ސޮއި ކުރައްވަނީ ---

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) "ސަން"އަށް ވިދާޅުވީ ޕެޓިޝަން ތައްޔާރު ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅެނީ ރައްޔިތުން ކަމަށެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އަންނަނީ އެ ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަމުގައި ބައިވެރިވަމުންނެވެ.

ބޮންޑޭ ވިދާޅުވީ ރައްޔިތުން ވޯޓު ދީގެން މިހާރު ގެނެސްފަ އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ރައްޔިތުން އެންމެ އެދޭ ގޮތަށް ސަރުކާރު ނުހިންގޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތު ރާއްޖެއަށް އެންމެ ބޭނުންވަނީ ދުވަހުން ދުވަހަށް ސަރުކާރު ހިންގޭނެ ފަދަ ފުރިހަމަ ނިޒާމެއް ކަމަށެވެ.

"ރިޔާސީ ނިޒާމް ބަރުލަމާނީ މިޒާމަކަށް ފުރޮޅާލަން ވެގެން ޕެޓިޝަން މި ހަދަނީ. ރާއްޖޭގެ ހަތްދިހަ ޕަސެންޓް މީހުން ބުނެފަ އޮތީ ބަރުލަމާނީ ނިޒާމަކަށް އާނއެކޭ. މި ވަގުތުވެސް އެކި ސަރަހައްދު ތަކުގަ ފޯކަލް ޕޮއިންޓްތައް ހަދައިގެން ސޮއި ކުރުން މުޅި ރާއްޖޭގަ ކުރިއަށް ގެންދެވޭނެ. އަމާޒަކީ ކުރިއަށް އޮތް 100 ދުވަސް ތެރޭ މި ޕެޓިޝަނަށް 100،000 މީހުންގެ ސޮއި ހަމަކުރުން،" ބޮންޑޭ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި އޮންލައިންކޮށް އެ ޕެޓިޝަނުގައި ސޮއިކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ސޮއި ހަމަކުރުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007 ވަނަ އަހަރު ވަނީ ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. އެ ފަހަރު ރައްޔިތުންގެ ތެރެއިން 92 ޕަސެންޓް މީހުން ވޯޓު ދިނީ ރިޔާސީ ނިޒާމަށެވެ.

comment ކޮމެންޓް