އިޚްލާސްތެރިކަމާއެކު ފާޅުގައި ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން މާފަށް ނޭދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ މަނިކުފާނާއި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން އެދިގެންނުވާނެކަމަށާއި ކުރިއަށް ދެވޭނީ މައާފަށް އެދުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިީހުގެ ތިންވަނަ ދައުރުގެ ފަސްވަނަ ޖަލްސާގައި ބަހުސްކުރައްވަމުން ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދަށް ނިސްބަތްކޮށް އެމްޑީޕީގެ މެމްބަރުން ދައްކައިފައި ހުރީ 'ވަރަށް ހަޑިހުތުރު' ވާހަކަތަކެއްކަމަށެވެ.
އެ ވާހަކަތަކާމެދު އަދި މިހާތަނަށް އިޚްލާސްތެރިކަމާއެކު މައާފަށް އެދިފައިިނުވާކަމަށް ބޮންޑޭ ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ ކިބައިން އަޅުގަނޑު މިދަންނަވަނީ ތަކުރާރުކޮށް މައާފަށް އެދޭށޭ ކަލޭމެން. އެހައި ހަޑިހުތުރު އެއްޗެހި ގޮވައިފިއޭ. އެދޭށޭ މައާފަށް. އަޅުގަނޑުމެންގެ ވޯޓު ހޯދަން ނުބުނާށޭ މައާފަށް ނޭދި،" ބޮންޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއާއެކު ޑިމޮކްރެޓުން ކިރިޔާ ވެސް މަޝްވަރާއެއްކުރާނީ ނުވަތަ ކިރިޔާ ވެސް އެ މަސައްކަތް ކުރިއަށް ހިނގާނީ ރައްޔިތުން ކުރިމަތީ މައާފަށް އެދުމުންކަމަށެވެ.
"އޭގެ ކުރިން ނުހިނގާނެ އެ ކަމެއް،" ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު 'ހަލާކު'ވާން މަގުފަހިކުރުވި ބޭފުޅުން އަދިވެސް އެ މަނިކުފާނުގެ އަރިހުގައި ތިއްބެވިކަމަށެވެ.
ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ ނިންމުން ފުރަތަމަ ބުރުގެ ވޯޓުން ސާފުވާނެކަމަށެވެ.
"އޭނަ ނޫން ގޮތެއް، މީނަ ނޫން ގޮތަކަށް މި އޮތީ ވޯޓު ލައިފައި. ދެން ވެސް އޮންނާނީ އޭނަ ނޫން ގޮތަކަށް. އިބޫ ނޫން ގޮތަކަށް އެ ޕްރޮމޯޓްކުރަނީ،" ބޮންޑޭ ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއާއި އެމްޑީޕީ އެކުގައި މަސައްކަތްކުރުމާމެދު ދެ ޕާޓީން ވެސް އަދި ފާޅުކަން ބޮޑުކޮށް ނިންމާނެ ނިންމުން ހާމައެއް ނުކުރެއެވެ. މަޝްވަރާތައް ހިނގަމުން އަންނައިރު، އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދުވަނީ އެ މަނިކުފާނު އަލުން ރައީސް ޞާލިޙާ ނުގުޅޭނެކަމަށް ވިދާޅުވެފައެވެ.