މެއި ހައެއް ހަމަލާގެ ޝަރީއަތް ފަށައިފި

(ކ-ވ) އަދުހަމް އަހްމަދު ރަޝީދު، ތަހުމީން އަހްމަދު، އަލީ ހައިޝަމް އަދި މުޖާޒް އަހްމަދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ބައިވެރިންގެ ތެރެއިން ދައުވާ އުފުލާފައިވާ ހަތަރު މީހެއްގެ ޝަރީއަތް މިއަދު ކުރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމާއި، އެފަދަ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމާއި އަދި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މުޖާޒުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

ހައިޝަމަށް ޖުމްލަ ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގޮވާ ތަކެތި އެހެންތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.

އަދުހަމަށް ހަތަރު ދައުވާ އުފުލަން ނިންމި ނަމަވެސް އޭނާ އެއްބާރުލުން ދިނުމަށް ނިންމާފައިވުމުން އޭނާއަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ހަަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާނުލައެވެ.

މައްސަލައިގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން މިއަދު ފަށާފައިވާއިރު، މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަދުހަމާއި ހައިޝަމް ވަނީ ވަކީލަކާއެކު މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވާކަމަށް ބުނެފައެވެ. އެއާއަކު ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދެ މީހުންނަށްވެސް ވަނީ ދީފައެވެ.

މިއަދުގެ އަޑުއެހުމަށް މުޖާޒް އާއި ތަހުމީން ހާޒިރުވެފައިވަނީ ވަކީލަކާއެކުއެވެ.

އެއާއެކު މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ ވަކީލުން ހަމަޖެއްސުމަށާއި ލިޔެކިޔުން ހަމަކުރުމަށް ވަގުތު ދިނުމަަށްފަހު އަޑުއެހުމެއް ތާވަލުކުރާ ގޮތަށެވެ.

މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ.

comment ކޮމެންޓް