ހދ. ކުރިނބި އާއި ފ. ފީއައްޔަށް ބޭނުންވާ ޖަނެރޭޓަރު ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދީފިއެވެ.
ފެނަކައިން މިއަދު ބުނީ ކުރިނބިއަށް ޖެނެރޭޓަރު ފޯރުކޮށްދީފައިވަނީ މިހާރު އެ ރަށުގައި ދެމުން އަންނަ ކަރަންޓުގެ ހިދުމަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ކަމަށެވެެ. އެގޮތުން އެ ރަށަށް ފެނަކައިން ފޯރުކޮށްދީފައިވަނީ 250 ކިލޯވޯޓުގެ ޖަނެރޭޓަރެކެވެ.
ފެނަކައިން ބުނީ މި ޖެނަރޭޓަރާއެކު ކަރަންޓުގެ ހިދުމަތަށް ބުރުލެއް ނާންނަހެން ހިދުމަތް ދިނުމުގެ ކަންކަން ފަސޭހަކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ރަށަށް ގެންދިޔަ ޖަނެރޭޓަރު އިންސްޓޯލް ކުރެވުނުހާ އަވަހަކަށް ޖަނަރޭޓަރު ބޭނުންކުރާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން ފީއައްޔަށް ފެނަކައިން 400 ކިލޯވޯޓުގެ ޖަނެރޭޓަރެއް ވަނީ ގެންގޮސްފައެވެ. އަދި އެއާއެކު ފެނަކައިން އެ ރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތްވެސް އިތުރަށް ރަނގަޅުވެގެން ދާނެކަމަށް އެކުންފުނިން ބުންޏެވެ.
ފެނަކައިން އަންނަނީ ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ކަރަންޓުގެ ހިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.