ގާސިމްގެ ތާއިދު ނެތި ވެރިކަމެއް ނާދެވޭނެ: އަލީ ސޯލިހު

ޖުމްހޫރީ ޕާޓީގެ ސްޕޯކްޕާސަން އަލީ ސޯލިހު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައިފަހުން ކޮންމެ ފަހަރަކުވެސް ވެރިކަން ހޯދަން ބޭނުންވާނަމަ ޖުމްހޫރީ ޕާޓީގެ ޗެއާމަން ގާސިމް އިބްރާހިމްގެ ތާއީދު އެބަޔަކަށް ބޭނުންވާކަމަށާއި ގާސިމްގެ ތާއިދާ ނުލާ ވެރިކަމަކަށް ނާދެވޭނެކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާ އަލީ ސޯލިހު ވިދާޅުވީ އަބަދުވެސް އިންތިހާބުތަކުގައި ކާމިޔާބު ހޯދަނީ ގާސިމްގެ ތާއީދު ލިބޭ ކެނޑިޑޭޓެއްކަމަށެވެ.

"އޮނަރަބަލް ގާސިމް އިބްރާހިމް އަރުއްވާ ފަޅިއެއް އެއީ ގޮތް ނިންމާ ފަޅިއަކަށް އަސްލުވެގެން ދިޔައީ، އެހެންވީމާ ގޮތް ނިންމުމުގެ ކަންތައްތައް އަޅުގަނޑުމެންނާ ހިސާބުން ނިމެނީ. އެމަނިކުފާނު ބުރަވާ ކޮޅަކީ ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކޮޅު،" އަލީ ވިދާޅުވިއެވެ.

އަދި ކޮންމެ ފަހަރަކުވެސް ގާސިމްގެ ތާއީދު ހޯއްދަވަން ކެނޑިޑޭޓުން މަސައްކަތްކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ މާފަންނު ވިލާ ދޮށުގައި ބަނޑިޔާ ޖައްސަވަން އުޅުއްވީ ރައީސް ނަޝީދު. ދެން ފެނުނީ ރައީސް ޔާމީން ގާސިމް އިބްރާހިމްގެ އަތުގައި ހިފައިގެން ނޫންގޮތަކަށް ކާމިޔާބުނުވެގެން އުޅުނުތަން. މާފަންނު ކުނޫޒު ކަަހަލަ ތަންތަނުން އެ ތާރީހު އެބަ ދައްކާ،" އަލީ ވިދާޅުވިއެވެ.

އޮކްޓޯބަރ 28، 2018: ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން އޭނާ ވިދާޅުވީ ގާސިމް އަކީ ރާއްޖޭގައި ތާއީދު ބޮޑު އަދި ވަރުގަދަ ސިޔާސީ ލީޑަރެއްކަމަށެވެ. އަދި އިންތިހާބުތަކުގައި ވާދަކުރައްވައިގެން އަބަދުވެސް އެކަށީގެންވާ ރަނގަޅު ކާމިޔާބެއް ހޯއްދަވާ ބޭފުޅެއްކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

"2008 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވައިގެންވެސް ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯއްދެވި. އެއިރުގެ ގޮތުންނަމަ ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބިގެންދިޔައީ އޮނަރަބަލް ގާސިމް އިބްރާހީމަށް. 2013 ވަނަ އަހަރުވެސް ވާދަކުރި. ދެހާހެއްހާ ވޯޓުގެ ތަފާތުން ދެވަނަ ބުރަށް ނުދެވުނީ،" އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނަށް ބަލައިލިޔަސް ގާސިމްގެ އެހީއާއެކު ނިކުތް ފަރާތްތައް އަދިވެސް ސަރުކާރުގެ ހިދުމަތުގައި ތިބިކަމަށެވެ. އަދި ގާސިމް އަކީ އަބަދުވެސް ޒުވާނުންނާއި އެކުގައި މަސައްކަތްކުރާ މީހުންނަށް ކުރިޔަށް ދިޔުމަށް ފުރުސަތު ދެއްވާ ބޭފުޅެއްކަމަށެވެ.

ހަމައެއާއެކު ޖުމްހޫރީ ޕާޓިގެ ރަޖިސްޓްރީގައި މެމްބަރުންގެ އަދަދު ގިނަ ނުވިޔަސް ޕާޓީ މަގުބޫލްވެގެންދަނީ ގާސިމް ހިކުމަތްތެރިކަމާއެކު ކުރައްވާ ކަންކަމުގެ ސަބަބުންކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް