ރައީސް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ 7 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަތުން ---

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތ. އަތޮޅުގެ ހަތް ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ތ. ތިމަރަފުށްޓަށެވެ. ތިމަރަފުށްޓަށް ވަޑައިގެން ރައީސް ވަނީ އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމާ ތ. އަތޮޅު ތައުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ އިސްވެރިންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާފައި ވެއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ތިމަރަފުށީގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެރަށުގައި އަލަށް އިމާރާތްކުރާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިޔަށްދާ ގޮތާއި، ތިމަރަފުށީގައި ކުރިޔަށްގެންދާ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ތިމަރަފުށީ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ވެސް ބައްލަވާލައްވާފައެވެ.

ތިމަރަފުށްޓަށްފަހު ދެން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ތ ކިނބިދޫއަށެވެ.

އެރަށަށް ވަޑައިގެން އެރަށު ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކިނބިދޫ ހެލްތް ސެންޓަރަށާއި، ސްކޫލަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެ ރަށުގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ތިން ވަނައަށް އެމަނިކުފާނު ވަޑައިގެންނެވީ ތ. އޮމަދުއަށެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގެ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ.

ބަނދަރު ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއްނަމަވެސް އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުން ކަމުގައި ވިދާޅުވެ، ސަރުކާރުން އޮމަދޫއާ އަދި ތ. އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ކުރިޔަށްގެންދަވާ ބައެއް މަޝްރޫއުތަކުގެ ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ.

މީގެ އިތުން މިވަގުތު ޤައުމުގައި ހުރި މުހިންމު މައްސަލަތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އޮމަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ހަތަރުވަނަ ރަށަކަށް ރައީސް ވަޑައިގެންނެވީ އަތޮޅުގެ ވެރިކަންކުރާ ރަށް ވޭމަންޑޫއަށެވެ.

ވޭމަންޑޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ތ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އަތޮޅުގެ ތަރައްޤީގެ އެކިއެކި މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ވޭމަންޑޫ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާފައެވެ.

ހަމައެހެންމެ ރައީސުލްހުމްހޫރިއްޔާ ވަނީ ތ. އަތޮޅު ހޮސްޕިޓަލަށާއި، ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ވޭމަންޑޫ ސްކޫލާއި ވޭމަންޑޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވާފައެވެ.

މިދަތުރުފުޅުގައި ފަސް ވަނަ އަށް އެމަނިކުފާނު ވަޑައިގެންނެވީ ތ. ވަންދޫއަށެވެ.

ވަންދޫގެ ވެސް ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ. އެމަނިކުފާނު ވަނީ ވަންދޫގެ މަސްވެރިންނާ ވެސް ބައްދަލުކުރައްފައެވެ.

މީގެ އިތުރުން ވަންދޫ ސްކޫލާއި ވަންދޫގެ ބައެއް އާސާރީ ތަންތަން ކަމުގައިވާ ވަންދޫގެ ލޯ ޒިޔާރަތާއި އެ ޒިޔާރަތާ ގުޅޭ މިސްކިތާއި ވަންދޫ ކުރީގެ ހުކުރު މިސްކިތަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހަ ވަނަ މަންޒިލެއްގެ ގޮތުގައިވަޑައިގެންނެވީ ތ. ކަނޑޫދުއަށެވެ.

އެރަށުގެ ކައުންސިލާއި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމުގެ އިތުރުން ކަނޑޫދޫގެ ދަނޑުވެރިންނާއި އަދި ތައުލީމީ ދާއިރާގެ އިސް ފަރާތްތަކާއި ޓީޗަރުންނާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ތ. ގާދިއްފުށްޓަށެވެ.

އެރަށަށް ވަޑައިގެން އެރަށު، ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވައި އެމަނިކުފާނު ވަނީ އެރަށުގެ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ތ. އަތޮޅުގެ ހަތް ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް