ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުރީ ރޭވި، ތަރުތީބު ކުރެވިފައި ކަމަށާއި، އެ ކަންކަން ކުރުމަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ކިނބިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓު، އަލީ އަޝްރަގުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދަައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ތ. އަތޮޅުގެ ދާއިރާ ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެ ނަމަ، ކޮޅުމަޑުލުގެ ވެގެންދާނީ ރާއްޖޭގެ ތަރައްގީގެ ރާޑަރުގެ މެދަށް ގެނެވިފައިވާ އަތޮޅަކަށް ކަމަށެވެ. އަދި އެ މަސައްކަތުގައި އެ މަނިކުފާނުގެ އަޒުމް ވަރަށް ވަރުގަދަ ކަމަށާއި، ރައްޔިތުންގެ އެއްބާރުލުމާ އެކު އެކަމުގެ ނަތީޖާ ނެރެދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ނަތީޖާ އަޅުގަނޑަށް ހުރިހާ ވެސް އެއްޗަކީ. ހުރިހާ ދާއިރާއެއްގައި ވެސް ހުރިހާ ރަށަކަށް ވެސް އަޅުގަނޑަށް މުހިންމީ ނަތީޖާ ނެރެދިނުން. ރައްޔިތުންގެ އަތްޕުޅުގައި މި އޮތީ ހަމަ އެންމެ ކަމެއް. ފާހަގައެއް ޖަހާލުން،" ރައީސް ވިދާޅުވިއެވެ.
ތ. އަތޮޅުގައި އިގްތިސާދު ފުޅާކޮށް ތަފާތު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ރައީސްވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައި އޮތީ ތ. އަތޮޅުގެ ޒުވާންކުދިންނަށް އެ އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭން ބޭނުންފުޅުވާ ކަމަށެވެ. އަދި އެ އަތޮޅަކީ ވަޒީފާގެ ފުރުސަތު ކުޑަ އަތޮޅަކަށް ވުމުން އެ އަތޮޅަށް އިންޑަސްޓްރީތައް ފުޅާ ކުރަން ޖެހޭކަމަށެވެ.
ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެ އަތޮޅުގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެ އަތޮޅުގައި އެންމެ ރިސޯޓެއް އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށާއި ވޭމަންޑުއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއާއެކު، މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޯޒްވޭއަކުން އެ ދެ ރަށް ގުޅައިލުމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ފަސް އަހަރުގެ ދައުރު ނިމުނުއިރު އެ މަޝްރޫއުގެ މަސައްކަތް ނިންމިފައި ނުވެއެވެ.