މޫޑީސް އިންވެސްޓާސް ސާވިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރި އިރު، ރާއްޖޭގެ މިހާރުގެ ހާލަތާއި އިގުތިސާދު ކުރި އަރާފައިވާ މިންވަރަށް ރިއާޔަތް ނުކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އެހެން ބުނީ، މޫޑީސްއިން މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ3 އިން ސީއޭއޭ 1އަށް ދަށް ކުރި ފަހުންނެވެ.
މޫޑީސްއިން ބުނި ގޮތުގައި މިދިޔަ އަހަރާއި މިއަހަރުވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރަން ޖެހުނީ ގައުމުގެ ދަރަނި ބޮޑުވެ، ދަރަނި އަނބުރާ ދެއްކޭނެ ވަސީލަތްތައް މަދު ކަމަށް ލަފާ ކުރެވޭތީއެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، މޫޑީސްއިން މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް ކްރެޑިޓް ރޭޓިން ދިން ފަހުން، ފާއިތުވި މުއްދަތުގައި އިގުތިސާދު ކުރިއަރާފައިވާ މިންވަރަށް އާ ރޭޓިންގައި ރިއާޔަތް ކޮށްފައި ނުވެއެވެ.
މީގެ އިތުރުން ކޮވިޑް-19 ބަލިމަޑުކަމާ ހެދި ގައުމުގެ ޖީޑީޕީ ވަރަށް ބޮޑަށް ދަށްވެ، އާމްދަނީއަށް ވުރެ ހަަރަދުތައް އިތުރުވި ނަމަވެސް ސަރުކާރު އޮތީ ހުރިހާ ދަރަންޏެއްވެސް އަނބުރާ ދެއްކޭ ފަދަ ހާލަތެއްގައި ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެ މިނިސްޓްރީން ފާހަގަ ކުރި ގޮތުގައި ސަރުކާރުގެ ބޭރުގެ ދަރަނީގެ އެވަރެޖު އިންޓްރެސްޓް ރޭޓު އަދިވެސް އުޅެނީ 3.5 ޕަސެންޓުގައެވެ. އަދި ރާއްޖެއިން ކޮންސެޝަނަލް ފައިނޭންސިން ނުވަތަ ސޮފްޓް ލޯންތައް ބޭރުގެ ފަރާތްތަކުން ހޯދަން މަސައްކަތް ކުރުމުގެ އިތުރުން ޑެޓް ކެޕިޓަލް މާކެޓުތަކުގައިވެސް ހަރަކާތްތެރިވަމުން ގެންދާނެއެވެ.
ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ވަނީ 32 ޕަސެންޓު ދަށްވެފައެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން ލަފާ ކުރަނީ މި އަހަރު ރާއްޖޭގެ ޖީޑީޕީ 22.7 ޕަސެންޓަށް ކުރި އަރާނެ ކަމަށެވެ. އަދި ކޮވިޑްގެ ކުރިން ރާއްޖޭގެ ޖީޑީޕީ އޮތް މިންވަރަށް 2023ގައި ކުރި އަރާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރަމުން ދިޔުމުން މޫޑީސްއިން ވަނީ ގައުމުގެ ކްރެޑިޓް އައުޓްލުކް ނެގެޓިވް އިން ސްޓޭބަލްއަށް މަތިކޮށްފައިކަން ފިނޭންސްއިން ފާހަގަ ކުރިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް އަޅާފައިވާ ކޮވިޑް ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަންނަ ޓުއަރިސްޓުންނަށް ބަލި ޖެހޭ މިންވަރު ކުޑަ ކަމާއި ގައުމުގެ ވެކްސިން ޕްރޮގްރާމްވެސް ކާމިޔާބު ކަމަށް ބަޔާނުގައިވެއެވެ.
ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ 70 ޕަސެންޓަށް ވުރެ ގިނަ މީހުން މިހާރު ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.