މާދަމާ ހިޔާ ފްލެޓްގެ ފަސްވަނަ ޓަވަރާއި ހަވަނަ ޓަވަރަށް ކަރަންޓް ދިނުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްގެ އެކި ޓަވަރުތަކަށް ކަރަންޓް ފޯރުކޮށްދޭން ފަށާފައި ވާއިރު، މިމަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް 09:00 އިން 17:00 އަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މާދަމާ ކަރަންޓް ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުގެ ފްލެޓް ލިބުނު ފަރާތްތައް ހާޒިރުވާން ޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް ސްޓެލްކޯއިން އަންގަމުން ދާނެއެވެ.
އެގޮތުން ޓަވަރަށް ދިއުމުގެ ކުރިން، ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު، އެމީހަކަށް ހާއްސަކުރެވިފައިވާ ގަޑިއަށް ޓަވަރުތަކަށް ދިއުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެއެވެ.
ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން އެސްއެމްއެސް ލިބި ހާޒިރު ނުވެއްޖެނަމަ އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުންނެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ.
ހިޔާ ފްލެޓްއަށް ކަރަންޓްދޭން ފަށާފައި ވާއިރު، އެންމެ ފުރަތަމަ ކަރަންޓް ދީފައި ވަނީ 15 އާއި 16 ވަނަ ޓަވަރަށެވެ. އަދި ބުދަ ދުވަހު ކަރަންޓް ދީފައި ވަނީ 11 އާއި 12 ވަނަ ޓަވަރަށެވެ. ހަތްވަނަ ޓަވަރާއި އަށްވަނަ ޓަވަރަށް ކަރަންޓް ދިނީ ބުރާސްފަތި ދުވަހުއެވެ. މިއަދު ކަރަންޓު ދޭން ހަމަޖެހިފައި އޮތް ދެ ޓަވަރުގައި އެ މަސައްކަތް ކުރެވޭ ގޮތް ވެފައެއް ނުވެއެވެ. އެއީ އެ ދެ ޓަވަރުގެ ލިފްޓަށް ކުރިމަތިވި މައްސަލައަކާ ގުޅިގެންނެވެ.