ރައީސުލްޖުމްހޫރިއްޔާ އޮމަދޫގެ ބަނދަރު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އޮމަދޫގެ ބަނދަރު ހުޅުއްވައިދެއްވަނީ--- ފޮޓޯ/ޕްލޭނިން މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ތ. އޮމަދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫއު އަކީ 2019 ވަނަ އަހަރު ހެވީ ފޯސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ.

ރައީސް ސޯލިހު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވާފައި މިވަނީ އެމަނިކުފާނު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އޮމަދޫއަށް ވަޑައިގެންނެވެ.

ރައީސް ސޯލިހު އޮމަދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން--- ފޮޓޯ/ޕްލޭނިން މިނިސްޓްރީ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އޮމަދޫއަށް ދިމާވެފައި އޮތް، ލަފާ ފުރުމުގައި ހުރި ދަތިތަކަށް ހައްލުތަކެއް ހޯދައިދިނުމަށް ކުރީ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދީފައި ނުވާ ކަމަށެވެ.

އަދި އޮމަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް އެހާ ފުރިހަމައަށް ނިންމާލެވިފައިވަނީ ހެވީ ފޯސްގެ ވެރިންނާއި ޓީމުގެ ބުރަ މަސައްކަތުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އޮމަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެ ދަތުރުފުޅުގެ ތެރެއިން ރައީސް މިހާރު ވަނީ އެ އަތޮޅު ތިމަރަފުށްޓާއި، ކިނބިދޫއަށް ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް