ޑްރަގް މައްސަލައަކަށް ޕޯޗުގީޒު ތަރުޖަމާނެއް ހޯދަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޑްރަގް މައްސަލައަކާ ގުޅިގެން ޕޯޗުގީޒް ތަރުޖަމާނެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ ތަރުޖަމާނު ހޯދުމަށް މަސައްކަތްކުރަމުން އަންނަނީ މި މަހުގެ 14 ވަނަ ދުވަހު ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެން މައްސަލައިގައިކަމަށެވެ. އެގޮތުން އެ މައްސަލައިގައި ހައްޔަރުކުރި މީހާއަަށް އިނގިރޭސި ބަސް ނޭނގޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން މީގެ ކުރިން ނެރުނުބަޔާނެއްގައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު ވައިގެ މަގުން ރާއްޖެ އައި އުމުރުން 31 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަތުން 3.2 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ބުނެފައެވެ. ބަޔާނުގައި ވާގޮތުން އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުންނެވެ.

ލަގެޖް ފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ބާވަތުގެ އެއްޗެއް ފެނުމުން އެ ތަކެތި ޓެސްޓު ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ މީހާގެ އަތުން އަތުލައިގަނެވެނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15،985،000.00 (ފަނަރަ މިލިއަން ނުވަލައްކަ އަށްޑިހަފަސް ހާސް) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ. އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.197 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މިކަމާއި ގުޅޭ އިތުރު ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މީހާއާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް