ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްފައިވާ މަސް ވިއްކާތީ ސަމާލުވާން އެދިއްޖެ

އޭޕްރީލް 12، 2021: މާލޭގެ މަސް މާރުކޭޓު ތެރެ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ބައެއް ވިޔަފާރިތަކުން ކާބަން މޮނޮކްސައިޑް ބޭނުންކޮށްގެން ޓްރީޓްކޮށްފައިވާ މަސް ވިއްކާތީ މަސް ގަންނަ ފަރާތްތަކާއި މަސް ވިއްކާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތައް އޭގެ ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްގެން ލޭބަލްގައި އެ މައުލޫމާތު ނުހިމަނާ ވިއްކަމުން ދާކަން އެ އޮތޯރިޓީން ނެގި ސާންޕަލް އިން ކަށަވަރު ކުރެވިފައިވާކަމަށެވެ.

ކާބަން މޮނޮކްސައިޑް ޓްރީޓްމަންޓް ދިނުމުން ކަނޑުމަހުގެ ބާވަތްތަކަށް ގެނެސްދޭ ތާޒާ ރަތްކުލައަކީ ރޯ މަހުގެ ތާޒާކަން ގެއްލުނަސް އެކުލަ ބަދަލުނުވާ ކުލައެކެވެ. އަދި ރޯމަހުގެ ކުލައަކީ އޭގެ ތާޒާކަން ބެލުމަށް ބަލާ އެއްމިންގަނޑުކަމުން، ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރުމަކީ މަހުގެ އަސްލު ކުލަ ފޮރުވި ގަންނަ ފަރާތަށް އޭގެ ތާޒާކަން އޮޅޭނެ ފުރުސަތު އޮތްކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

އެހެންކަމުން، މަސް ވިއްކާ އަދި ގަންނަ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

އޭގެ އިތުރުން، އެފަދަ އުފެއްދުން ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެމްއެމްފްޑީގެ ވައިބަރ ނަންބަރު 7603204 އަށް ފޮޓޯއާއެކު މައުލޫމާތު ހިއްސާކުރުމަށް އެފަރާތުން ވަނީ އެދިފައެވެ.

comment ކޮމެންޓް