ވިޔަފާރިތަކަށް އެހީވާން އެސްޑީއެފްސީގެ ޓީމެއް ތިމަރަފުށްޓަށް ފޮނުވަނީ

ރައީސުލްޖުމްހޫރިއްޔާ މިހާރު ތިމަރަފުށްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން--- ފޮޓޯ/ރައީސް އޮފީސް

އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި ހުރި ލޯނުގެ ފުރުސަތުތަކާ ގުޅޭގޮތުން ވިޔަފާރިތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެސްޑީއެފްސީގެ ޓީމެއް ތިމަރަފުށްޓަށް ފޮނުވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާ އެއްކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތ. އަތޮޅުގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން ރާވައިފައިވާ ކަމަށާއި، ނަމަވެސް ކޮވިޑް ގެ ސަބަބުން ކަންކަން ކުރުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ ފާހަގަ ކުރައްވައިފައެވެ.

އެހެންނަމަވެސް ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުންތައް ކުޑަކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަަށް ސަރުކާރުން ގޮތްތަކެއް ފަހިކޮށްދެެއްވާފައިވާކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރިތަކަށް އެސްޑީއެފްސީގެ ހުރި ލޯނުގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް އެސްޑީއެފްސީގެ ޓީމެއް ތިމަރަފުށްޓަށް ފޮނުވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މަސްވެރިކަމާ ގުޅޭގޮތުން ސަރުކާރުން ރާވާފައިވާ އެކި ކަންކަމާއި، ގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް ތަފްސީލުތައް ދެއްވާފައެވެ. އެގޮތުން ތ. ފުނައްޑޫ އާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި މަސް ކިރުމުގައި އަގަށް ގެނައި ބަދަލު މުރާޖައާކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ރައީސް ސޯލިހު ވަނީ ތިމަރަފުށީގެ އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި ތިމަރަފުށީގެ ވިޔަފާރިވެރިންނާ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ތިމަރަފުށްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް