ނަޝީދަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެ: ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ލިބެމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ހަލީމް މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވާ، ވާހަކަދައްކަވަމުންނެވެ. ދޮންބިލެތް ވިދާޅުވިގޮތުގައި އަދިވެސް ރައީސް ނަޝީދަށް ހަމަލައެއް އަތުވެދާނެކަމުގެ ބިރު އެބައޮތެވެ.

"މިހާރުވެސް އެމަނިކުފާނަށް ކެނޑިނޭޅި ޖާނުން ފިދާވުމުގެ ހަަމަލާއެއް ދީފާނެކަމުގެ އިންޒާރު އަންނަމުން ދާތީއާއި އޭގެ މައުލޫމާތު ވަރަށް ރަނގަޅަށް ލިބޭތީ އަދިވެސް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވައިގެން އެ ސަލާމަތާ ރައްކާތެރިކަން ނެތްކަމަށް ފެންނާތީ މަޑުކޮށްލައްވައިގެން އެ ހުންނެވީ،" ދޮންބިލެތް ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދަށް ހަމަލާ ދިން މީހުން އަދިވެސް ތިބީ ދޫކޮށްލާފައިކަމަށް ވިދާޅުވިއެވެ. ދޮންބިލެތް މިހެން ވިދާޅުވިނަމަވެސް ރައީސް ނަޝީދަށް މޭ ހަވަނަ ދުވަހުގެ ރޭ އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ޖުމްލަ ދިހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެތަނުން ހަތަރު މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އުފުލައިފައެވެ. ދިހަ މީހުންގެ ތެރެއިން އެކަކު ވަނީ ދައުވާކުރެވޭވަރަށް އަދި ހެކި ނެތުމުން ދޫކޮށްލާފައެވެ.

ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ދޮންބިލެތް ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަކީ އެއްވެސް މީހެއްގެ ބުއްދި ގަބޫލްކުރާ ވާހަކަތަކެއް ނޫން ކަމަށެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ރައީސް ނަޝީދުގެ ވާހަކަތައް ހަގީގަތަކަށް ވަމުން އަންނަ ކަމަށެވެ.

"އެމަނިކުފާނަކީ ވަރަށް ކުރީއްސުރެވެސް އަޅުގަނޑުމެންގެ ބުއްދި ގަބޫލްނުކުރާ ވާހަކަ ދައްކަވާކަމަށް އަޅުގަނޑުމެންނަށްވެސް ގަބޫލްކުރެވޭ ބޭފުޅެއް. ބައެއް ފަހަރު ވިދާޅުވާ އެއްޗެހި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޖޯކަކަށްވެސްވޭ. އެކަން މަލާމާތަކަށްވެސްވޭ، އެކަމު އެކަން ނިމެނީ ފަހުން އައިސްހަމަ އެކަން ދިމާވެގެން،" އޭނާ ވިދާޅުވިއެވެ.

https://sun.mv/155546

ރައީސް ނަޝީދަށް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ލިބެމުން އަންނަކަމަށް ދޮންބިލެތް ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށާއި، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތު ކުރެވޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް